17 Sep 2012, 20:13
ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓަ ނޭޝަނަލް އެއާޕޯޓް ގެ މައްސަލަ އަވަހަށް ހައްލު ކުރުމަށް ޑީއާރްޕީން ގޮވާލާފި އެވެ.
ޖީއެމްއާރްގެ ކިބައިން އެއާޕޯޓް "މިނިވަން" ކުރުމަށް ސަރުކާރުގައި ބައިވެރިވާ ހަތް ޕާޓީ އަކާއި މަދަނީ އިއްތިހާދުން މިއަދު "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" މި ނަމުގައި މަސައްކަތް ފަށައި ނޫސްކޮން ފަރެންސެއް ބާއްވާފައި ވަނިކޮށް އޭގައި ބައިވެރި ނުވެ ޑީއާރްޕީން ނެރުނު ބަޔާނުގައި ބުނަނީ އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމަށް ސަރުކާރާއި އެކުންފުނި ވެފައިވާ އެއްބަސްވުމުގެ މައްސަލަ އަވަހަށް ހައްލު ކުރުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އެ އެގްރިމެންޓަކީ ސައްހަ އެގްރިމެންޓެއް ނޫން ކަމަށް ސަރުކާރަށް ފެންނަ ނަމަ އެކަން ޝަރުއީ މަރުހަލާތައް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ނިންމުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާން ބުނަނީ އެއާޕޯޓް ޖީއެމްއާރާއި ހަވާލުކުރުމަށް އެގްރީމެންޓުގައި ސޮއިކުރިއިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ މައްސަލަތައް އަވަހަށް ބަލައި ފިޔަވަޅު އެޅުމަށް ވެސް ގޮވާލާ ކަމަށެެވެ.
"... މިއެގްރީމެންޓަކީ ސައްހަ އެގްރީމެންޓެއް ނޫންކަމަށް މިއަދުގެ ސަރުކާރަށް ފެނިވަޑައިގަންނަވާނަމަ އެކަން ޝަރުއީ މަރުހަލާތައް މެދުވެރިކޮށް އަވަހަށް ނިންމުމަށް މިޕާޓީން ގޮވާލަމެވެ. އަދި މި އެގްރީމެންޓް ކުރުމުގައި ކުރީގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ވެސް އަވަހަށް ބަލާ ނިންމުމަށް މި ޕާޓީން ގޮވާލަމެވެ،" ޑީއާރްޕީގެ ބަޔާނުގައި ވެއެވެ.
ޖީއެމްއާރްގެ މައްސަލައިގައި ކުރިންސުރެ ޑީއާރްޕީއަށާއި އެ ޕާޓީގެ އިސްވެރިންނަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ. އޭގެ ތެރޭގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ ޝާހިދު ޖީއެމްއާރާއި އެކު ސިއްރު ގުޅުންތަކެއް ބާއްވަމުން އަންނަކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސް އުމަރު ނަސީރު ކުރި ތުހުމަތުތައް ވެސް ހިމެނެ އެވެ.