އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އިސްވެރިޔާ މިސްޓަ ޖީއެމްރާއޯ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރޯއާ، ރައީސް މައުމޫނާ ބައްދަލު ކުރެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ކޮއިމްބަތޫރުގެ ހެލްތު ފެސިލިޓީ ގައި މިއަދު މެންދުރުފަހު އެވެ.

މި ބައްދަލު ކުރެއްވުމުގައި ޖީއެމްއާރު ކުންފުނިން ހިންގަމުންގެންދާ ބޮޑެތި ވިޔަފާރީގެ ޙަރަކާތްތަކުގެ ވާހަކައާއި މާލޭ ބައިނަލްއަޤްވާމީ ވައިގެބަނދަރު ހިންގަމުން ގެންދާ ގޮތުގެ ވާހަކަ މިސްޓަ ރާއޯ ރައީސް މައުމޫނުގެ އަރިހުގައި ދެންނެވިއެވެ.

ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއިން ރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީތަކަށްޓަކައި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރާއެކު އެއާޕޯޓްގެ އެގްރީމެންޓް ކުރެއްވީ، ރައްޔިތުންގެ މަޖިލީހަށްވެސް ނާންގަވައި، އަދި ދެފުށް ފެންނަ އުޞޫލަކުން ނޫން ކަމަށްވާތީ އާއި، އަދި އެގްރީމަންޓުގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެތައް ކަމެއް ހުރިކަން އެނގުމުން، މިމައްސަލައިގައި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމުގައި އެމަނިކުފާނު، ރާއޯއަށް ދެންނެވި އެވެ.