ވަރުން ކަހަލަ ފިރިހެން ކުއްޖަކު ކޮންމެ ބައްޕައަކަށް ހައްގު: ޑޭވިޑް
ވަރުން ކަހަލަ ފިރިހެން ކުއްޖަކު ކޮންމެ ބައްޕައަކަށް ހައްގު: ޑޭވިޑް

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ފަދަ ފިރިހެން ކުއްޖަކު ކޮންމެ ބައްޕައަކަށް ވެސް ލިބުން ހައްގު ކަމަށް ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ބުނެފިއެވެ.

ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޓްރެއިލާ ރިލީޒްކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން އެ ފިލްމުގެ ޑައިރެކްޓަރު އަދި ވަރުންގެ ބައްޕަ ޑޭވިޑް ބުނީ، އެކްޓަރެއްގެ ހައިސިއްޔަތުން ވަރުންގެ ޕާފޮމެންސަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ.

ވަރުންއާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދެއްކި ވަގުތު ޑޭވިޑްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޑޭވިޑް ވަނީ އޭނާގެ ބަލިހާލަތު ގޯސްވި ދުވަސްވަރު ވަރުން ދިން އަޅާލުމާއި އެހީތެރިކަމަށްޓަކައި ދަރިއެއްގެ ގޮތުން އެކްޓަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ޕީޓީއައި ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަރިފުޅާ ބެހޭގޮތުން ވާހަކަދައްކަމުން ޑޭވިޑްގެ ލޮލުން ކަރުނަ ހިލުނެވެ. ޑޭވިޑް ބުނީ ވަރުންގެ ބައްޕަގެ ގޮތުގައި ގިނަ ބަޔަކަށް އޭނާ އެނގުމަކީ އެކަމާ ފަޚުރުވެރިވާ ކަމެއް ކަމަށާއި، ވަރުން ކަހަލަ ދަރިއަކުން ކޮންމެ ބައްޕައެއްގެ ދިރިއުޅުމުގައި ވެސް ހުރުން މުހިއްމު ކަމަށެވެ.

ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އެ ފިލްމުގެ ލީޑް ތަރިން އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/އެންޑީޓީވީ

"އަހަރެން ހޮސްޕިޓަލުގައި އޮތްއިރު، އޭނާ ނިދީ ވެސް އަހަރެންގެ ގާތުގައި އެތަނުގައި. އެހެންވީމާ، މިއަށްވުރެ ބޮޑަށް ދެން ބޭނުންވާނީ ކޮން އެއްޗެއް؟ އެކްޓަރެއްގެ ގޮތުން އޭނާ އަންނަނީ ކުރިއަރަމުން، އޭނާ މިހާރު އެވަނީ ބޭނުންވާ ފެންވަރަށް ތަރައްގީވެފައި. އެކަމަކު ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ، ކޮންމެ މީހަކަށްވެސް އެކަހަލަ ދަރިއަކު ލިބެންޖެހޭނޭ" ޑޭވިޑް ބުނެފައިވެއެވެ.

ދެހާސްބާވީސް ވަނަ އަހަރު ޑޭވިޑްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ، އޭނާއަކީ ދިގުމުއްދަތަކަށް ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކަށްވުމުންނެވެ.

ޑޭވިޑްއާ އެކު ވަރުން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.