ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ވީޓީވީއަށް ގެއްލުން ދޭންއުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ތިން މީހަކު ވީޓީވީގެ އިމާރާތަށް ގާއުކި މަންޒަރު ދުށް ކަމަށް ފަސް މީހަކު ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ބައެއް މީހުން ބުނެފައި ވަނީ ދައުވާ ލިބޭ މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50، އާއި ރ. އަލިފުށީ ހަމީދީ މަންޒިލް، އަހުމަދު ހަމީދު 29، ހަމައެގޭ ހުސެއިން ހަމީދު 26، ވީޓީވީގެ އިމާރާތަށް ގާއުކި މަންޒަރު އެމީހުންނަށް ފެނުނު ކަމަށެވެ.

މުހައްމަދު ހަމީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ތެރެއިން ތިން މީހަކު ބުނީ އޭޑީކޭ ހޮސްޕިޓަލާއި ދިމާލުގައި ހުރެ އޭނާ ވީޓީވީގެ އިމާރާތަށް ގާއުކިތަން އޭނާ ދުށް ކަމަށެވެ.

ހެކިބަސް ދިން އަނެއް މީހާ ބުނެފައި ވަނީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގާއުކީ މުހައްމަދު ހަމީދު ކަން ރަނގަޅަށް ހަނދާނެެއް ނެތް ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް އޭނާ ދީފައި ވަނީ ތެދު ބަޔާނެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.

އަހުމަދު ހަމީދާއި ހުސެއިން ހަމީދުގެ މައްޗަށް ހެކިބަސް ދިން ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ބުނީ ވީޓީވީއަށް ގާއުކި މީހުންގެ ތެރޭގައި އެ ދެ މީހުން ހިމެނޭ ކަމަށާއި އެމަންޒަރު އެ ދެ މީހުންނަށް ފެނުނުކަމަށެވެ. ނަމަވެސް އަނެއް ދެ މީހުން ބުނީ ހާދިސާ ހިނގިތާ ދުވަސްތަކެއްވެފައިވާތީ ގާއުކީ އެ ދެ މީހުން ކަމެއް ހަނދާނެެއް ނެތްކަމަށާއި ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަކީ ދެތު ބަޔާނެއްކަމަށެވެ.

އެ މީހުން ފުލުހުންނަށް ދިން ބަޔާނުގައި އެ ދެ މީހުން ގާއުކި މަންޒަރު ފެނުނު ކަމަށް ބުނެފައި ވެއެވެ.

އަހުމަދު ހަމީދާއި ހުސެއިން ހަމީދަކީ ފޮރިން މިނިސްޓަރުގެ ނާއިބު އަލީ ހަމީދުގެ އެއްބަނޑު އެއްބަފާ ދެ ކޮށްކޮއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ބާކީތިބި ހަ މީހުންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް މާދަމާ އޮންނާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ ތިން މީހުންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބެނީ ހ. ލަދުމާގެއާގެ، އަހުމަދު ނައީމް 27، އާއި އއ. ފެރިދޫ އާޒާދުގޭ، ޣާނިމް ހަސަން 19، އާއި މ. ނޫރުޒޭރުގޭ، ހުސެއިން ޝިފާއު ޖަމީލު 19، އާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދު 19، އަދި ގ. ހާލަމް، އަހުމަދު މުހީން 22، އެވެ.

މީގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާ ކޮށްފައި ވެއެވެ.

އެ އެންމެންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން މީހެއްގެ މުދަލަށް ގެއްލުމެއް ދޭން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

މާޗް މަހުގެ 19 ވަނަ ދުވަހު ވީޓީވީ ކައިރީ ކުރި މުޒާހަރާގެ ބައެއް ބައިވެރިން ވީޓީވީއަށް ގާއުކުމުގެ އިތުރަށް ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާލަށް ގާއުުކުމުގެ ސަބަބުން ސިފައިންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ވީޓީވީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާފައި އެ ސްޓޭޝަނުން ވަނީ އެދުވަހު އެތާގެ ސެކިއުރިޓީ ބެލެހެއްޓި ސިފައިންނަށް އެވޯޑު ދީފައެވެ.