ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މެލޭޝީޔާ އަންހެން މީހާ، ވާނުވާ ބަންދަށް ލައިފިއެވެ.

ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މެލޭޝިޔާ އަންހެނަކާއެކު ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ފެބުރުވަރީ 28, 2026 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން (38އ) އާއި، ގދ. ވާދޫ/ ފުރުސަތު، ލޫޠު އިބްރާހީމް (29އ) ގެ އިތުރުން ގއ. ދާންދޫ/ ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.

މި ތިން މީހުންގެ ތެރެއިން އަންހެން މީހާގެ ބަންދު، ވާނުވާ ބަންދަށް ބަދަލު ކުރީ މިއަދުއެވެ.

މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށާއި އޭނާ އައީ ވެސް ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް އޭނާ ކޯޓުގައި ކުރިން ވަނީ ބުނެފައެވެ.

އެ ފޮއްޓާ މާލެއިން މީހަކު ހަވާލުވާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ ކުރީގެ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، އެ އަންހެން މީހާ ރާއްޖެއަށް އައީ އެންމެ ތިން ދުވަހަށް ކަމަށް ވެސް އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ބުނެފައި ވަނިކޮށް، އެ ފޮށިގަނޑު ބަލައި ދިޔައީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހިމެނޭ ލޫތު ވަނީ ބުނެފައެވެ. ކުރީގެ ބަންދު އަމުރުގައި ލޫތުއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑަކީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ބަލާދިޔަ ފޮށިގަނޑެކެވެ.