ކޯޓުތަކާއި ފަނޑިޔާރުންނާއި ބެހޭ ގޮތުން އުފުލާ ޝަކުވާތަކާއި ތުހުމަތުތައް ބެލުމުގެ ދުސްތޫރީ ނިޒާމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މަތިކޮށްފައި ވަނިކޮށް ޖޭއެސްސީގެ ބެލެނިވެރި ކަމެއް ނެތި އެނޫން ފަރާތްތަކުން އެފަދަ ކަންކަން ބަލަން ފަށައިފިނަމަ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ މިނިވަން ފަނޑިޔާރުގެ އާއި ފަނޑިޔާރުންގެ މިނިވަން ކަމަށް ބުރޫއަރާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަނޑިޔާރުންނާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތަކުގެ ޝަކުވާތައް ޖޭއެސްސީ ނޫން އެހެން މުއައްސަސާތަކުން ބަލަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޖޭއެސްސީގެ ރައީސަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.

މިސިޓީ ފޮނުއްވާފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުތަކަކާ ބެހޭ މައްސަލައެއް އެސީސީއަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ހަބަރު ފަތުރާފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރައްވަމުން ގެންދަވާ ޖޭއެއްސީގެ ރައީސް އާދަމް މުހައްމަދަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިއަދު ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ "ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލޭ ޝަކުވާތަކާއި ތުހުމަތުތައް ބެލުމުގެ ދުސްތޫރީ ޒިންމާ ތިޔަ ކޮމިޝަނާ މަތިކޮށްފައިވާއިރު އެނޫން ފަރާތްތަކުން އެފަދަ ކަންތައްތައް ތިޔަ ކޮމިޝަނުގެ ބެލެނިވެރިިކަމެއް ނެތި ބެލެން ފެށިއްޖެނަމަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ފަނޑިޔާރުގެ އާއި ފަނޑިޔާރުންގެ މިނިވަން ކަމަށް ބުރޫއަރާނެ ކަމަށް ދެކެމެވެ،"

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ފަނޑިޔާރުގޭގެ ކަންތައްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ލިބިގެން ދިއުމަކީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި "ފަނޑިޔާރު ގެއާއި ފަނޑިޔާރުންގެ އިތުބާރު ދެމެހެއްޓޭނީ ފަނޑިޔާރުންނާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތަކުގެ ހަގީގަތަށް ވާސިލުވެ ފަނޑިޔާރުންނާއި ފަނޑިޔާރުގެ ތަކާއި ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރު ދޭ ބަޔަކާމެދު ފިޔަވަޅު އެޅިގެން" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފަނޑިޔާރުން ކުރައްވާ ހުކުމްތަކާއި ނިންމުންތައް މިނިވަން އިންސާފުވެރި ނިންމުންތަކަކަށް ވުމަށް މަގުފަހިކޮށް ފަނޑިޔާރު ގެއަކީ މިނިވަން ކަމާއި އިންސާފާއެކު ހިނގާ، މުޖުތަމައުގެ އިތުބާރު ލިބިފައިވާތަނަކަށް ހަދައި ފަނޑިޔާރުންނަކީ އަމިއްލަ މަސްލަހަތާއި ތައާރުޒުވާ އެންމެހާ ކަންކަމުން ދުރުވެގެން އުޅޭ ބަޔަކަށް ހެދުމުގެ ގޮތުން ފަނޑިޔާރުންނާބެހޭ ގޮތުން އުފުލޭ ހުރިހާ ބާވަތެއްގެ ޝަކުވާއެއް ބެލެނޭ ތަނަކީ ޖޭއެސްސީ ކަން ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސިޓީ ނިންމަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ފަނޑިޔާރުންނާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތަކާއި ޝަކުވާތަކަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ތެރެއިން ހަމައެކެނި ޖޭއެސްސީން ބަލަން ޖެހޭ ކަމެއް ކަަމުގައި ދަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިފަދަ ސިޓީއެއް އުއްތަމަ ފަނޑިޔާރު ފޮނުއްވެވި އިރު މި މައްސަލައާ ގުޅިގެން ޖޭއެސްސީން ވެސް މިއަދު ވަނީ ބަޔާނެއް އާންމު ކޮށްފަ އެވެ.

އެ ބަޔާނުގައި ބުނަނީ ފަނޑިޔާރަކާމެދު ކުރެވޭ ތުހުމަތެއްގައި މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަށްފަހު މީޑިއާގައި އެކަން ހާމަކޮށް ފަނޑިޔާރުންގެ އަގުވައްޓާލުމުގެ ސަގާފަތެއް ރާއްޖޭގައި ތައާރަފްވަމުންދާ ދިއުމަކީ ކުރިމަގަށް އެކަމުގެ ސަބަބުން ފޫނުބެދޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށެވެ.

ފަނޑިޔާރަކާމެދު ކުރާ ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެ މީޑިއާތަކުން ފަތުރަމުންދިޔަ ޚަބަރާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަގުވެއްޓޭ ގޮތަށް ކަންކަމުގެ ހަގީގަތް ނޭނގޭ ހާލު، އަދި މައުލޫމާތު ސާފުކުރަންވާ ވަރަށް ސާފު ނުކޮށް ބައެއް މީޑިއާތަކުން ޒިންމާދާރުކަމެއް ނެތި ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވާހަކަ ފެތުރުމަކީ މީޑިއާގެ ޒިންމާދާރު ކަމާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަމުގެ އިން ފަހަނައަޅާ ދިއުން ކަމަށާއި އެފަދަ ހަބަރުތައް ފެތުރުމުގައި ހުރިހާ މީޑިއާއަކުން ވެސް ޒިންމާދާރު ވުމަށް ޖޭއެސްސީ ގޮވާލާ ކަމަށެވެ.

ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ ފަނޑިޔާރުންގެ މަސައްކަތަކީ އަބަދުވެސް ކޮންމެވެސް އެހެން ފަރާތެއްގެ ހިންހަމަ ޖެހުމާއި، ނުޖެހުން ރައްދުވާ ކަމެއް ކަން ތަބީއީގޮތުން ވެފައިވާއިރު، ފަނޑިޔާރުނާމެދު ޝައްކު އުފައްދައި ފަނޑިޔާރުންގެ ވާޖިބު އަދާކުރުމުގައި ހުރަސްއެޅޭފަދަ ގޮތަކަށް އަމަލު ކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމުގަ އެވެ.

ކުށެއް ސާބިތުނުވާހާ ހިނދެއްގައި އެ މީހަކީ ކުށްވެރިއެއް ކަމަށް ދޭހަވާގޮތަށް މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ޖޭއެސްސީން ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ހުޅުވިފައިވާ ދޮރަކީ އޭގެ ސަބަބުން އެއްވެސް ބައެއްގެ އަގުވައްޓާލައި އިންޓިގްރިޓީއާމެދު ސުވާލު އުފެއްދުމަށް ދެވިފައިވާ ފުރުސަތެއް ނޫން ކަމަށެވެ.

"ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަކީ އެއްވެސް ހައިސިއްޔަތަކުން އެހެން މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް ގާނޫނު އަސާސީންނާއި ގާނޫނުން ލިބިދީފައިވާ ބާރެއް ނޫންކަން ސާފުކޮށް އެނގެން އޮތުމުން، މި ކޮމިޝަނުން ގޮވާލަނީ ފަނޑިޔާރުންނާމެދު ކުރެވޭ ތުހުމަތުތަކާއި، ޝަކުވާތައް މި ކޮމިޝަނަށް ހުށަހެޅުމަށާއި މިކަމުގައި ހުރިހާ ފަރާރަކުންވެސް މިހާރަށް ވުރެބޮޑަށް ޒިންމާދާރުވެ، ގައުމުގެ ކުރިމަގާމެދު ވިސްނައި، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ގެންދިއުމަށެވެ،" ޖޭއެސްސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.