17 Sep 2012, 18:14
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމަށް، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި ސިޔާސީ ޕާޓީތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ، އެކަން ޕާޓީތަކުން މިއަދު އިއުލާންކޮށްފި އެވެ.
އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޑީއާރްޕީ ފިޔަވައި އެހެން ޕާޓީތައް އަދި މަދަނީ ޖަމްއިއްޔާތައް ހިމެނޭ، މަދަނީ އިއްތިހާދު ގުޅިގެން ޕާޓީތަކުން މިއަދު ވަނީ ނަސަންދުރާގައި ނޫސްވެރިންނާ ބައްދަލުކޮށް ޕާޓީތަކުން ޖީއެމްއާރުގެ މައްސަލައިގައި ދެކޭގޮތް ހާމަކޮށްފަ އެވެ.
ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަތް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޕާޓީތަކުން ބޭނުން ވަނީ މިހާރުން މިހާރަށް ޖީއެމްއާރާއެކު ސަރުކާރުން ކޮށްފައިވާ އެގްރިމަންޓް އުވާލަން ކަމަށާއި އެކަމުގައި މައްސަލައެއް އޮތް ފަރާތެއް ނަމަ އެކަން ހައްލުކުރާނީ ކޯޓު މަރުހަލާއަށް ގޮސްގެން ކަމަށެވެ.
އުމަރު ވިދާޅުވީ މި މަރުހަލާގައި ކޯޓުގެ ތެރެއިން ކަންތައްތައް ހައްލު ކުރުމަކީ ދައުލަތަށް މިހާރުވާ ގެއްލުން އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއް ކަމަށާއި އެކަން ކޯޓުގެ ތެރެއިން ހައްލުކުރަން އެންމެ މަދުވެގެން އެ މައްސަލަ އަށް 10 އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"މީގެ ކުރިއަށް ބަލާނަމަ އެއާމޯލްޑިވްސް ވެސް ކޯޓުން ބޭރުގައި މައްސަލައެއް ހައްލުކުރި، އެކަމަކު އެއީ އެކަމުގައި ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ވިއްޔާކޮށްފައި، މިހާރު ޖީއެމްއާރުގެ މައްސަލައިގައި ވެސް ކޯޓުން ބޭރަށް ދެވިދާނެކަން އަޅުގަނޑު މިދަންނަވާ ސަބަބަކީ، އަޅުގަނޑުމެންނަށް އެއާޕޯޓް [ޖީއެމްއާރުއަތުން] އަތުލުމަށް ފަހު ދެން ޖީއެމްއާރު އެއްވެސް ކުލެއިމެއް ހިފައިގެން އެއްވެސް ކޯޓަކަށް ގޮސް އެ ކޯޓަކުން ވަކިގޮތެއް ނިންމައިގެން އައިސްފިއްޔާ އެކަން ބޭރުގައި ހައްލުކުރަން މަސައްކަތް ކުރާނީ،" އުމަރު ވިދާޅުވި އެވެ. "މި ގެއްލުންތައް ތަހައްމަލު ކުރާކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ އެތައް އަހަރެއް ވަންދން މިހާ މުހިންމު އެސެޓެއް ދީގެން، މީގެން ޓޫރިޒަމަށް އަސަރުކުރޭ، އަޅުގަނޑުމެން ސަރުކާރަށް ވެސް އެބަ ފަޔަށް ބަރުވެވޭ މި ކަމުގައި ގޮތެއް ނިންމަން، މާދަން ނަގަން އަނެއް ދުވަހު ނަންގަވަން، އޭނަ ކައިރިން އަހާލަން މީނަ ކައިރިން އަހާލަން މިދަނީ، އެކަމަކު މިގޮތަކަށް މިކަމެއް ނުވާނެ، އެހެންވީމަ އަޅުގަނޑުމެން މި ގޮވާލަނީ މިހާރުން މިހާރަށް މި ނިންމުން ނިންމަން،"
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ޖީއެމްއާރާއެކު ސަރުކާރުން ހަދާފައިވާ އެގްރިމަންޓަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ނަޝީދުގެ ސަރުކާރުން ދީފައިވާ ބޮޑު ގެއްލުމެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެ އެއްބަސްވުމަށް ސަރުކާރުން އިހުތިރާމު ކުރަން ޖެހޭ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް އިމުރާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް ސްޓްރެޓެޖިކް މަސައްކަތްތަކެއް ފެއްޓެވީ ކަމަށާއި މިއަދުގެ ޕްރެސްކޮންފަރެންސަކީ އެކަމުގެ ފެށުން ކަމަށެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކޮށްފައި ނޫނީ ގެއަށް ނުވަންނާނަން، އަޅުގަނޑުމެން ކޮންމެ ގުރުބާނީއެއް ވެގެންވެސް މިކަން ކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ސްޓްރެޖެޓިކް އެސެޓެއް މިހެން ބޭރު ބަޔަކަށް ދޫކޮށްލާފައި ނުބޭއްވޭނެ،" އިމްރާން ވިދާޅުވި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ޝަމީމް ވިދާޅުވީ ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމުގައި ސަރުކާރަށް ރައްޔިތުންގެ ޕްރެޝަރާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. ޝަމީމް އަދި ވިދާޅުވީ ސަރުކާރަށް ޖީއެމްއާރުގެ މައްސަލައިގައި އެއާޕޯޓް އަތުލަން ނުކެރިގެން އުޅެނީ؛ "އޮޕަރޭޝަން ކުރަން ޖެހި އެކަމަށް ބޭނުންވި ނަމަވެސް ތަދުވާނެތީ އެ އޮޕަރޭޝަން ކުރަން ނުކެރިގެން އުޅޭ މީހެއްގެ،" ހާލަތު ކަމަށެވެ.
"އެހެންވެ ރައްޔިތުން ނުކުމެ ރައްޔިތުންގެ އަޑު މިކަމުގައި ސަރުކާރަށް މިކަމުގައި އިއްވަން ޖެހޭނެ، ރައްޔިތުންގެ ވިންދާއި ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން މިކަން ނިންމަންޖެހޭނީ،" ޝަމީމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓު ހޯދާފައިވަނީ މުޅި ދިވެހިންނާއި އިދިކޮޅަށް ކަމަށާއި އެއީ ދުނިޔޭގެ ބޮޑު ވިޔަފާރި ކުންފުންޏަކުން ކަން ކުރާނެ ގޮތް ނޫން ކަމަށާއި މިކަމުގައި ތުހުމަތު ކުރެވޭ ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. ގާސިމް އަދި ވިދާޅުވީ މިވަގުތަކީ "ޖީއެމްއާރުން ފޮށި ބަދެގެން ފުރަންވީ ވަގުތު" ކަމަށާއި ރައްޔިތުންގެ ވިންދާއި ދެކޮޅަށް ޖީއެމްއާރަށް އެއާޕޯޓްގައި ނުތިބެވޭނެ ކަމަށެވެ.
"އަޅުގަނޑު ވެދުމާއި ސަލާމާއި އިހުލާސްތެރިކަމާ އެކު އެބޭފުޅުންނަށް ދަންނަވަން އޮތީ، ހަމަމިހާރު ޖީއެމްއާރުން ފޮށި ތަންމަތި ހަދައިގެން އަވަހަށް ފުރަންވިއްޔޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަމުގައި ވަކާލާތުކޮށް މިކަން ކާމިޔާބު ކުރާނަން މިއަދުވެސް ހަމަމިއޮތީ ޖޫން 26، 2010 ގައި ޕާޓީތަކުން އެއްބަސްވީ ގޮތަށް، ޕާޓީތަކުން އެ އެއްބަސްވުން ބާތިލުކުރަން މަސައްކަތް ކުރުމަށް،" ގާސިމް ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުގެ ފަރާތުން ޝެއިހް މުހަންމަދު ދީދީ ވިދާޅުވީ އެއާޕޯޓުގައި މައްސަލައިގައި ދިވެހި ސަރުކާރަށް އެއްވެސް ކަމެއް ކޮމްޕްރޮމައިޒްކުރަން ނުޖެހޭނެ ކަމަށާއި އެއާޕޯޓަކީ ސްޓްރެޓަޖިކްގޮތުން ނާއި އިގްތިސޯދީ ގޮތުން ދިވެހިންނަށް އެއަށް ވުރެ މާމުހިންމު ތަނެއް ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން އެއްވެސް ކަމެއް ގުރުބާން ކުރަން ނުޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދުގެ ފަރާތުން އާމިނަތު އަލީ ވިދާޅުވީ އެ ޕާޓީ މަސައްކަތް ކުރާނީ އެއްބައިވެފައިވާ ޕާޓީތަކާއެކުގައި އެއް ސަފެއްގައި ކަމަށެވެ. ގައުމީ ޕާޓީގެ ނާއިބު ރައީސް ރިޔާޒު ރަޝީދު ވިދާޅުވީ އެއާޕޯޓް ދިވެހިންނަށް ހޯދައިދޭނެ ކަމަށެވެ. ޕީއޭގެ ފަރާތުންވެސް ބުނީ އެޕާޓީން ވެސް އިއްތިހާދުވެފައިވާ ޕާޓީތަކާ އެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ޑީއާރުޕީއެ ބައްދަލުވުމުގައި ބައިވެރިނުވުމުން އެ ބައްދަލުވުމުގައި ބައިވެރިވެ އެހެން ޕާޓީތަކުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. އެ ބައްދަލުވުމުގައި ޑީއާރުޕީން ބައިވެރިނުވީ އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރާއެކު ކުރިއަށް ދާކަމަށް ބުނެ އެވެ. ނަމަވެސް އެޕާޓީން ފަހުން ވަނީ ނޫސްބަޔާނެއް ނެރެ އެއާޕޯޓު އަނބުރާ ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް ހުރިހާ ޕާޓީތަކުން 26 ޖޫން 2010 ގައި އެއާޕޯޓުގެ އެއްބަސްވުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމުގައި އެ ޕާޓީންވެސް ވަނީ އެއްބަސްވެފަ އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު ނޫސް ބަޔާނަކަށް ފަހު އާޒިމާ މިއަދު ވިދާޅުވީ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ޖީއެމްއާރުން ވެއްދި މައްސަލަ ދިވެހި ސަރުކާރަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށާއި އާބިޓްރޭޝަންގެ މައްސަލަ ނިމޭ ގޮތަކުން ޖީއެމްއާރު އެގްރީމަންޓުން ނުކުތުމުގެ މަގުތަކެއް ވެސް ހުޅުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރުން ނިންމާ ކޮންމެ ގޮތަކަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.