17 Sep 2012, 17:49
ފަނޑިޔާރަކާމެދު ކުރެވޭ ތުހުމަތެއްގައި މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަށްފަހު މީޑިއާގައި އެކަން ހާމަކޮށް ފަނޑިޔާރުންގެ އަގުވައްޓާލުމުގެ ސަގާފަތެއް ރާއްޖޭގައި ތައާރަފްވަމުންދާ ދިއުމަކީ ކުރިމަގަށް އެކަމުގެ ސަބަބުން ފޫނުބެދޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ފަނޑިޔާރަކާމެދު ކުރާ ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެ މީޑިއާތަކުން ފަތުރަމުންދިޔަ ޚަބަރާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަގުވެއްޓޭ ގޮތަށް ކަންކަމުގެ ހަގީގަތް ނޭނގޭ ހާލު، އަދި މައުލޫމާތު ސާފުކުރަންވާ ވަރަށް ސާފުނުކޮށް ބައެއް މީޑިއާތަކުން ޒިންމާދާރުކަމެއް ނެތި ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވާހަކަ ފެތުރުމަކީ މީޑިއާގެ ޒިންމާދާރު ކަމާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަމުގެ އިން ފަހަނައަޅާ ދިއުން ކަމަށާއި އެފަދަ ހަބަރުތައް ފެތުރުމުގައި ހުރިހާ މީޑިއާއަކުން ވެސް ޒިންމާދާރު ވުމަށް ޖޭއެސްސީ ގޮވާލާ ކަމަށެވެ.
ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ ފަނޑިޔާރުންގެ މަސައްކަތަކީ އަބަދުވެސް ކޮންމެވެސް އެހެން ފަރާތެއްގެ ހިންހަމަ ޖެހުމާއި، ނުޖެހުން ރައްދުވާ ކަމެއް ކަން ތަބީއީގޮތުން ވެފައިވާއިރު، ފަނޑިޔާރުނާމެދު ޝައްކު އުފައްދައި ފަނޑިޔާރުންގެ ވާޖިބު އަދާކުރުމުގައި ހުރަސްއެޅޭފަދަ ގޮތަކަށް އަމަލު ކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމުގަ އެވެ.
ކުށެއް ސާބިތުނުވާހާ ހިނދެއްގައި އެ މީހަކީ ކުށްވެރިއެއް ކަމަށް ދޭހަވާގޮތަށް މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ޖޭއެސްސީން ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ހުޅުވިފައިވާ ދޮރަކީ އޭގެ ސަބަބުން އެއްވެސް ބައެއްގެ އަގުވައްޓާލައި އިންޓިގްރިޓީއާމެދު ސުވާލު އުފެއްދުމަށް ދެވިފައިވާ ފުރުސަތެއް ނޫން ކަމަށެވެ.
"ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަކީ އެއްވެސް ހައިސިއްޔަތަކުން އެހެން މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް ގާނޫނު އަސާސީންނާއި ގާނޫނުން ލިބިދީފައިވާ ބާރެއް ނޫންކަން ސާފުކޮށް އެނގެން އޮތުމުން، މި ކޮމިޝަނުން ގޮވާލަނީ ފަނޑިޔާރުންނާމެދު ކުރެވޭ ތުހުމަތުތަކާއި، ޝަކުވާތައް މި ކޮމިޝަނަށް ހުށަހެޅުމަށާއި މިކަމުގައި ހުރިހާ ފަރާރަކުންވެސް މިހާރަށް ވުރެބޮޑަށް ޒިންމާދާރުވެ، ގައުމުގެ ކުރިމަގާމެދު ވިސްނައި، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ގެންދިއުމަށެވެ،" ޖޭއެސްސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.