05 Sep 2010, 09:38
14:40
ދިވެހިން ވަމުންދާ އެހީގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މުސީބާތުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބެގެންގޮސްފައިވާ ކަމަށް ޕާކިސްތާނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޚްތަރު އަލީ ސުލެހްރީ ވިދާޅުވެއްޖެއެވެ.
ސަންއެފްއެމް އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއެއްގައި އަޚްތަރު ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހިން ވަރަށް ބާރާއެކު މަސައްކަތް ފަށައިފައިވާ ކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ކިޔަވާ ކުދިންގެ އިތުރުން ސަރުކާރުގެ އޮފިޝަލުންގެ ފަރާތުން ވަރަށް ދީލަތި އެހީތައް މިހާރު ވެސް ލިބެމުން އަންނަ ކަމުގައި ވިދާޅުވެ، އެކަމާ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
"ދިވެހިން މިވަނީ ޕާކިސްތާނަށް އެހީވުމަށްޓަކައި މި ދަނޑިވަޅުގައި އަމިއްލައަށް އިސްނަގައިފައި. އަޅުގަނޑުމެން [ ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުން] އެކަހެރިކޮށެއްނުލައި. ކުޑަކުޑަކުދިންނާއި، ވިޔަފާރިވެރިންނާއި، މަދަނި ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުވެސް އެތައް ބަޔަކު ދަނީ ފައިސާ ހަދިޔާކުރަމުން. މިކަމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެފައިވާ މުސީބާތުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައި ވަނީ" ޕާކިސްތާނު ސަފީރު ވިދާޅުވިއެވެ.
ދިވެހިން ވަމުންދާ އެހީތައް ރަމްޒުކޮށްދެނީ "މުސްލިމް އުއްމަތުގެ އެއްބައިވަންތަކަން" ކަމުގައި ވެސް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަށް ވީ ނަމަވެސް، ސައްތައިން ސައްތަ މުސްލިމް އާބާދީ އެއް އޮންނަ މި ގައުމުގެ ރައްޔިތުންނަށް ލިބޭ މަދު އާމްދަނީން، ދެވެން އޮތް ކޮންމެ އެއްޗެއް ވެސް ދެމުން ގެންދާ ކަމީ ވަރަށް ވެސް މަތިވެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ހަބީބު ބޭންކުގައި ހުޅުވާފައިވާ ޕްރައިމް މިނިސްޓަރޒް ރިލީފް ފަންޑަށް މިހާތަނަށް 4 މިލިއަނެއްހާ ރުފިޔާ ވަނީ ލިބިފަ އެވެ. މި ފަންޑު ބޭނުންކުރާނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެ، އެގައުމަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ކަމަށް ވެސް ހައިކޮމިޝަނަރ ވިދާޅުވިއެވެ.
"ސީދާ އަދަދު ދަންނަވަން އުދަނގޫ. އެހެންނަމަވެސް ފަނޑަށް މިހާރު ހަތަރު މިލިއަނެއްހާ ރުފިޔާ ލިބިއްޖެ. އެކަމަކު އަދިވެސް ކާރިސާ ނުނިމޭ. ފަންޑަށް ލިބޭ އެއްޗެއް ބޭނުންކުރާނީ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް. އެކަމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ. އެހެންވެ، މިއީ ދިގު ދެމިގެންދާ މައްސަލައަކަށް ވީތީ، އަޅުގަނޑުގެ އެދުމަކީ، ދިވެހިންގެ ފަރާތުން ވެސް ކުރިއަށް އޮތް ތަނުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން. ޕާކިސްތާނަށް އެހީވުމަށްޓަކައި "ދިވެހިންގެ މެދުގައި އުފެދިފައިވާ ރޫހު" ނެތިގެން ނުދާނެ ކަމަށް އުއްމީދުކުރަން." އަޚްތަރު ވިދާޅުވިއެވެ.
ޕާކިސްތާނު ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ މީޑިއާއިން އިސްނަގައިގެން ޕާކިސްތާނަށް އެހީވުމަށް ފަށާފައިވާ "ހެލްޕް ޕާކިސްތާން" ކެމްޕެއިނުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އަޅްތަރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ކުދިކުދި ޖަރީރާ ރަށްތަކަށް ބެހިގެން ގޮސްފައިވާ ކުޑަ އާބާދީ އެއް އޮންނަ ގައުމަކަށްވާތީ، ޕާކިސްތާނުގެ ހާލަތު ދިވެހިންނަށް އަންގައިދެވޭނެ އެންމެ ރަގަޅު ޒަރިއްޔާއަކީ މީޑިއާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާކިސްތާނަށް އެހީވުމަށްޓަކައި އިތުރު ދިވެހިންނަށް ހިތްވަރު ލިބޭނެކަން ފާހަގަކުރައްވާ ވިދާޅުވީ، އެ އެމަނިކުފާނު ޚުދު އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.