ދައުވާކުރުމުގައި ހަމަހަމަ ކަމާއެކު އަމަލު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެދި މައްސަލަ އާއި އޭނާ ކޯޓުތަކުގެ ހުރުމަތް ކަނޑާލެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި އެމައްސަލަ މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ވެބްސައިޓަށް މޫސަ ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވީ ރައްޔިތުންގެ ކޯޓު އޭނާ ހެއްދެވި ކަމަށް ބުނެ އެމައްސަލައިގެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީއަށް ހުށަހަޅައިފައިވާއިރު ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުޅޫފު ވެސް އެ ދުވަސްވަރު އާޓިފިޝަލް ބީޗު ސަރަހައްދުގައި "ރައްޔިތުންގެ ސުޕްރީމް ކޯޓް"ގެ ނަމުގައި އޭރުގެ ޑީއާރުޕީން ކޯޓެއް ހަދާފައިވާ ކަމަށާއި އެ "ކޯޓު" ގައި މަހުލޫފު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ކޯޓު ހެދި މައްސަލައިގައި މި މަހުގެ ހަތަރު ވަނަ ދުވަހު މޫސަ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ހަމަހަމަ ކަމާއެކު ތަހުގީގުކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މޫސަ ވަނީ ގޮވާލައްވައިފަ އެވެ.

"އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ ބިރުދައްކައި އެމްޑީޕީގެ ލީޑާޝިޕް ހަލާކު ކޮށްލުމަށް މި ސަރުކާރުން ރާވައިގެން ހިންގާ ކެމްޕެއިންގެ ދަށުން. ކިތަންމެ ވަރަކަށް ބިރުދައްކަން މަސައްކަތްކުރި ނަމަވެސް އެމްޑީޕީގެ ހިއްވަރެއް ވެސް ބައްޔެއް ނުވާނެ. މިސަރުކާރުގެ ހައިސިއްޔަތާ ދޭތެރޭ ދެކޭ ގޮތް ވެސް ބަދަލެއް ނުވާނެ،" މޫސަ ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި މޫސަގެ މައްޗަށް ދައުވާ ކުރެވޭނޭ ތަނެއް ނެތް ކަމަށާއި އިސްލާމް ދީނުގެ އަސްލަކާއި އުސޫލަކާއި ހިލާފު ނުވާ ގޮތުގެ މަތީން އެމީހަކަށް ފެންނަ އެއްޗެއް ދުލާއި ގަލަމުން ވެސް ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިގެންވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ރައްޔިތުންގެ ކޯޓު ހެއްދެވި ކަމަށް ބުނާ މައްސަލައާއި ކޯޓުތަކުގެ ހުރުމަތް މޫސަ ކަނޑާލައްވައިފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ އެމައްސަލައާ ގުޅިގެން މޫސަ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން މޫސަ ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހަނު ހުންނެވުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ.