23 May 2026, 10:27

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާއި އަންހެނުން އާލިއާ ބަޓް ކުރިން ދިރިއުޅުނު އަގުބޮޑު އެޕާޓްމަންޓް މަހަކު 11 ލައްކަ ރުޕީސްއަށް (11،494 ޑޮލަރަށް) ކުއްޔަށް ދީފިއެވެ.
މުމްބާއީގެ ޕާލީ ހިލްގައި ހުންނަ "ވާސްތޫ" ބިލްޑިންގުގެ ހަތްވަނަ ފަންގިފިލާގައިވާ މި އެޕާޓްމަންޓަކީ ރަންބީރު ކަޕޫރު 2016 ވަނަ އަހަރު ގާތްގަނޑަކަށް 35 ކްރޯޑް ރުޕީސްއަށް ގަނެފައިވާ ތަނެކެވެ. ކަޕޫރު އާއިލާގެ ތާރީޚީ ތަރިކަ ކަމަށްވާ "ކްރިޝްނާ ރާޖް" ބަންގްލޯއަށް ބަދަލުވުމުގެ ކުރިން ރަންބީރާއި އެކްޓަރުގެ އާއިލާ އުޅެމުންދިޔައީ ބަންދްރާގެ ޕާލީ ހިލްގައި ހުންނަ މި އެޕާޓްމަންޓުގައެވެ.
މި ޕްރޮޕަޓީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް މި އެޕާޓްމަންޓް ކުއްޔަށް ދީފައިވަނީ އަދިތްޔާ ޝުކްލާ ނަމަކަށް ކިޔާ މީހަކަށެވެ. މި އެއްބަސްވުމުގެ ރަޖިސްޓްރީގެ ކަންކަން މިދިޔަ އަންގާރު ދުވަހު ނިމިފައިވާއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 45 ލައްކަ ރުޕީސް ރަންބީރަށް ވަނީ ލިބިފައެވެ.

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް މިހާރު ދިރިއުޅެމުން އަންނަ "ކްރިޝްނާ ރާޖް"ގެ ފޮޓޯއެއް--ފޮޓޯ/އިންޑިއާޓުޑޭ
މި ލަގްޒަރީ އެޕާޓްމަންޓަކީ މަޝްހޫރު އިންޓީރިއާ ޑިޒައިނަރު، އެކްޓަރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން އަމިއްލައަށް ފަރުވާ ކޮށްފައިވާ ތަނެކެވެ.
ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ރަންބީރުގެ މަންމަ ނީތޫ ކަޕޫރު މިހާރު ދިރިއުޅެމުދާ ކަޕޫރު "ކްރިޝްނާ ރާޖް" ބަންގްލޯއަކީ ގިނަ އަހަރުތަކެއް ވަންދެން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ފަހު 2025 ވަނަ އަހަރު ނިންމާލި ބަންގްލޯއެކެވެ. މި ބަންގްލޯއަކީ ރަންބީރުގެ މާމަ ކްރިޝްނާ ރާޖް ކަޕޫރުގެ ނަމުން ނަންދީފައިވާ ތަނެކެވެ.
ގާތްގަނޑަކަށް 250 ކްރޯޑް ރުޕީސްގެ އަގުހުރި މި ބަންގްލޯ ރަޖިސްޓްރީކޮށްފައިވަނީ ރަންބީރާއި އާލިއާގެ ދަރިފުޅު ރަހާ ކަޕޫރުގެ ނަމުގައެވެ. ދެމަފިރިންގެ ފަރާތުން ދަރިފުޅަށް މި ބަންގްލޯ ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމިއިރު ނީތޫ ކަޕޫރަކީ ވެސް "ކްރިޝްނާ ރާޖް"ގެ މިލްކުވެރިންގެތެރޭ ހިމެނޭ މުހިއްމު އެއް ހިއްސާދާރެވެ.
މުމްބާއީގެ އިތުރުން ރަންބީރު ވަނީ ދާދި ފަހުން އަޔޯދިޔާއިން ވެސް ބިމެއް ގަނެފައެވެ. ސަރަޔޫ ކޯރުގެ އައްސޭރީގައި ތަރައްގީކުރާ "ދަ ސަރަޔޫ" މަޝްރޫއުން ރަންބީރު ގަނެފައިވާ ބިމުގެ އަގު 3.31 ކްރޯޑް ރުޕީސްއަށް އަރައެވެ.