ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޯށިމާގޭ އަންސަރު މުހައްމަދުގެ މައްޗަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާރުވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ އަންސަރުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާ ގެންގުޅުނު ދަބަހެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖެނުއަރީ 23، 2009 ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާ ދިރިއުޅޭގެއަށް ފުލުހުން ދިޔަ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭނާ ދިރިއުޅޭގެއަށް ގޮސް އެ ދަބަސް ފުލުހުން ޗެކްކުރި އިރު ދަބަހުން މަސްތުވާތަކެތީގެ 15 ރަބަރު ޕެކެޓާއި އަދި އޭގެ ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތީގެ 19 ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އެތަކެއްޗަކީ އޭނާ ބޭނުން ކުރަން އަތުގައި ބެހެއްޓި އެއްޗެއް ކަަމާއި އޭގައި ބޭސް ހުރިކަން ނޭނގޭކަމަށް އޭނާ ބުނެފައިވާކަމަށެވެ.

އޭނާގެ އަތުން ފެނުނު ބައެެއް ޕެކެޓްތަކުގައި މަސްތުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ބެންޒޯޑައިޒީޕައިން ހުރިކަމަށާއި އޭގެ ބަރުދަނުގައި 0.3467 ގްރާމް ހުރި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހުކުމްގައި ބުނަނީ އޭނާގެ އަތުން ފެނުނު މަސްތުވާ ބޭހުގެ ބަރުދަނުގައި 0.3467 ގްރާމް ހުރިނަމަވެސް އެއީ އެބާވަތުގެ ބޭހެއް އާންމުކޮށް ޑޮކްޓަރަކު އެއްފަހަރާ ލިޔެދޭ މިންވަރު ނޫންކަމަށާއި އެބާވަތުގެ ބޭހެއް އާންމުކޮށް ޑޮކްޓަރު ލިޔެދޭ މިންވަރަކީ 0.0225 ގްރާމް ކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާ ބޭހުގެ ބަރުދަނަށް ބަލާއިރު އެއީ އެފަދަ އެއްޗެއް ޓްރެފިކްކުރުމަށް އަތުގައި ބެހެއްޓުން ކަމަށް މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވާއިރު އެކުށްކުރި އިރު އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި އެއަމަލަށް ކުޑައަދަބެއް ދެވޭގޮތަށް ބުނެފައިވާތީ އޭނާއަށް އަދަބު ދިނުމުގައި އަމަލުކުރަން ޖެހޭނީ މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނަށް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެހެންކަމުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.