ހިޔާނާތްތެރިވުމުގެ ކުށުގައި ކޯސްޓްލައިން އިންވެސްޓްމަންޓްގެ މުވައްޒަފަކު ހަތަރު އަހަރާއި ނުވަ މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަރުވާލަން ހުކުމްކޮށްފައި ވަނީ ޅ. ހިންނަވަރު ކެލައިމާގޭ މުހައްމަދު ޔޫސުފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ކޯސްޓްލައިން އިންވެސްޓްމަންޓުން އަންގައިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އެކުންފުނީގެ ފިލިޕްލޭންޑް ކްރާފްޓްގައި ގޮސް ވިލިމާލެ ކައިރީ އޮތް ކަލަމިންޖާ ބޯޓަށް ތެޔޮ އެޅުމަށްފަހު އަނބުރާ ތިލަފުއްޓަށް ދިޔުމުގެ ބަދަލުގައި މުހައްމަދު ޔޫސުފު މަކަރު ހަދާފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ބޯޓަށް ތެޔޮ އެޅުމަށްފަހު އަނބުރާ ތިލަފުއްޓަށް އައުމުގެ ބަދަލުގައި ފޭދޫފިނޮޅު ކައިރިއަށް ގޮސް އެތާނގައި އޮތް ދޯންޏަކަށް 50،000ރ. އަށް ވުރެ އަގުހުރި ތެޔޮއަޅައި 3230 ލީޓަރުގެ ތެލަށް ޚިޔާނާތްތެރިވެފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

"މިއީ މުހައްމަދު ޔޫސުފްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަ މަސް ދުވަސް، ދިހަ ހާސް ރުފިޔާއަށް ވުރެ މަތީ އަދަދަކުން ޚިޔާނާތްތެރިވެފައިވާތީ ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ހަތަރު އަހަރާއި ތިން މަސް ދުވަހާއި އެކު ޖުމްލަ ހަތަރު އަހަރާއި ނުވަ މަސްދުވަހުގެ މުއްދަތަށް ޅ. ހިންނަވަރު ކެލައިމާގޭ މުހައްމަދު ޔޫސުފް އަރުވާލުމަށް ހުކުމް ކޮށްފީ މެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.