17 Sep 2012, 16:33
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރޮބިން މުޑީ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު އޮސްޓްރޭލިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އޮސްޓްރޭލިޔާއަކީ އަބަދުވެސް ރާއްޖެއާ ރަޙްމަތްތެރި ގައުމެއްކަން ފާހަގަކުރައްވަމުން ދެގައުމުގެ ދޭތެރޭ އޮންނަ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި އެނޫން ވެސް ދާއިރާތަކުން އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށްޓަކައި އޮސްޓްރޭލިޔާގެ އާ ސަފީރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އޮސްޓްރޭލިޔާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގައި މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވި އެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިއަށް އޮތްތަނުގައިވެސް މެދުނުކެނޑި ދެމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވި އެވެ.