01 Jun 2026, 08:38
"ވަގުތަކީ ފައިސާއަށްވުރެ އަގު ބޮޑު އެއްޗެކެވެ. ފައިސާ ގެއްލިއްޖެނަމަ އަލުން ހޯދިދާނެއެވެ. ނަމަވެސް ފާއިތުވެގެންދާ ވަގުތަކީ އަލުން ލިބޭނެ އެއްޗެއްނޫނެވެ. ވީމަ އަހަރެމެންގެ ވަގުތު ހޭދަކުރަންވީ ﷲއަށް ކިޔަމަންތެރިވުމާއި، މައިންބަފައިންނާއި އާއިލާއަށް ހެޔޮކޮށް ހިތުމާއި އަމިއްލަ ތަރައްގީއާއި މުޖުތަމައަށް ފައިދާހުރި ކަންކަމުގައެވެ. ބޭކާރު ކަންތައްތަކާއި ފިތުނަފަސާދަ އަދި މުންކަރާތްތަކާއި ދުރުހެލިވާންވާނެއެވެ."
***
ޒިހާމްއާއި އެމިލީ އެކީގައި ކާރަށް އަރަން ދިޔައިރު ޒިހާމް ހުރީ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެންނެވެ. ލޮލުގައިހުރި އަގުބޮޑު އައިނާއި އަތުކުރީގައިވާ ބޮޑު ގަޑި އަދި ސްމާޓްކަމުން އެންމެންގެ ލޯތައް ހުއްޓުނެވެ. އެމިލީވެސް ފެޝަން މޮޑެލްއެކޭ ތަފާތެއްނެތެވެ.
"އެމް ބުނިހެން މިއީ ވަރަށް ފަހަތުގައި އުޅޭ ރަށެއް..އަހަރެން ހީކުރިވަރަށް ތަރައްގީވެފައެއްނެތް.."
"އެހެންވެއޭ ޒިމް ކައިރީ ބުނީ މި ވިލެޖަށް ނާންނާށޭ.."
"ވިލެޖްގެ ދިރިއުޅުންވެސް ތަޖުރިބާކޮށްލަންވާނެ..މިރަށުން ޖިންނިވެސް ފެންނަކަމަށްވަނީ......."
އެމިލީ ތޫނު ހަޅޭކަކާއެކު ޒިހާމްގެ އަތުގައި އެލިގަނެގެން ވަށައިގެން ނަޒަރު ހިންގައިލީ ބިރާއި ޝައްކާއި ވަހުމުން ފުރިފައިހުރެއެވެ.ގަސްތައް ގިނަކަމާއިހެދި އެބުނާހެން ޖިންނިން ނޫޅެންވީ ސަބަބެއްނެތެވެ. ގަބުރުސްތާންފަދަ ހިމޭންކަމާއި ފަޅުކަމެވެ. ޒިހާމްގެ އެންމެ ޖުމްލަ އޭނަގެ ހިތް ފިނިކުރުވައިފިއެވެ.
"ނޯ ވޮރީސް...އަހަރެން ހުއްޓާ ޖިންނިއެއްގެ ހިޔަނިވެސް ނޭޅޭނެ..."
"އައިލެންޑް ލައިފް ހާދަ ބޯރިންއޭ..ރަގަޅު ރެސްޓޯރެންޓެއްނޫނީ ޝޮޕިންކޮށްލަން ކަމުދާ ތަނެއްވެސް ނެތް...ރަަގަޅު ކޮފީޝޮޕްއެއްވެސް ނެތެއްނު..ހާދަ އާދައިގެ ތަނެއް..މިކަހަލަ ތަނެއްގައި އެންމެ ދުވަހެއްވެސް ހޭދަކުރުންވާނީ ބޮޑު ވޭނަކަށް...."އެމިލީ ކާރުގައި އިނދެ ވަށައިގެން ފެންނަ އިމާރާތްތަކަށް ބަލަމުން ދިޔައެވެ."ކޮއްކޮމެންނަށް ސަޕްރައިޒް ދޭންވެގެން ނުބުނެ ދިޔައީމަ ބަނޑަށް ކަން ނޭގޭ ތިބެން ޖެހޭނީ..ރަގަޅު ކާއެއްޗެހި ހުންނާނެތަ؟"
"ފައިސާގެ ބާރުގައި ނުވާނެކަމެއް ނުހުންނާނެ.."ޒިހާމް ބުނެލިއެވެ.
ކާރު މަޑުކޮށްލީ ދެބުރިއަށް ނަގާފައިވާ ރީތި ގެއެއްގެ ކުރިމައްޗަށެވެ."އަޒުއާ ހައިޓްސް"ގެ ނަން ބޯޑުންވެސް ދައްކުވައިދެނީ ގޭގެ ހައިބަތެވެ. އެމިލީގެ ހިތަށް ކުޑަ ފިނިކަމެއްލިބުނެވެ. އެންމެ ކުޑަވެގެން އުޅޭނެ ރީތި ތަނެއް ލިބުމަކީ ނަސީބެކެވެ. ދުރުން ބަލާލާފައިވެސް ތަނަވަސްކަމާއި ގޯތީގެ ބޮޑުކަން ދެނެގަނެވުނެވެ. ދޮރުގެ ބެލް ޖަހައިލުމުން ދޮރު ހުޅުވައިލި ސަރަފީނާ މޫނު ހަދާލައިގެން ހުރިގޮތުން އެމިލީއަށް އެއް ފިޔަވަޅު ފަހަތަށް އެޅުނެވެ.
"މިއީ މަގޭ ބޮޑުދައިތަ ސަރަފީނާ..."ޒިހާމް އެތެރެއަށް ވަނުމާއެކު ނަޒަރު ހުއްޓުނީ ކައުޗްގައި ފުޓްބޯޅަ ޖާޒީއެއްލައިގެން އޮތް ޒުވާނަކަށެވެ. ދެންމެ ހޭލައިގެން ނިދި މޫނަކާއިގެންނެވެ. އިސްތަށިގަނޑުވެސް ހޭވިފައެވެ. އަދަލްއަށް ބަޔަކު ވަންކަން އެނގުމުން މޫނު އަނބުރައިލަމުން އަތުގައިވާ ޕޮޕްކޯނުން އެތިކޮޅެއް އަނގަޔަށް ލިއެވެ.ދޮރުމަތީގައި ޒިހާމްގެ ދެމަފިރިން ތިބިތަން ފެނުމުން އިސްތިގުބާލްކުރަން ތެދުވުނެވެ.
"ޒިމް...ޔޫ ބެކް؟ މިއީ ޔޫ ވައިފް ދޯ...ޒިމް ވައިފް ވެރީ ވޯމް ވެލްކަމް..."އަދަލްގެ ރާގުން ޒިހާމް ލަދުގަންނަގޮތްވިއެވެ. އިނގިރޭސިބަސް ރަގަޅަށް ނުދަންނަ މީހުންނަށް އަމިއްލަ ދިވެހި ބަހުން ވާހަކަދެއްކޭނެ ނޫންހެއްޔެވެ؟ ބޮޑުދައިތަވެސް އުޅެނީ އެފާޑަށެވެ. ދަރިވެސް މިހިރީ ކިޔެވުމަށް މަކަރު ހަދާފައެވެ.
"ހައި އަދަލް..."ޒިހާމް އެނބުރުނީ ސަރަފީނާއާއި ދިމާލަށެވެ."ދައްތާ..ކޮބާ މަންމަމެން؟"
"ބާޒާރުކުރަން ކަމަށްވެސް ވެދާނެ..ނުބުނެ ޒިހާމްމެން ދެކުދިން ތިއައީ؟ މަތީބައިގެ ކޮޓަރިތައްވެސް ތަޅުލާފައި ހުންނާނީ.އެއީ ޒިހާމްގެ ބައިވީމަ އެހެން މީހުން ވަނުން މަނާ...."ސަރަފީނާއަށް ބެލުނީ ޒިހާމްމެން ގެނައި ދަބަސްތަކަށެވެ. އޮފްފަދަ މޮޅު ލެދާ ދަބަސްތަކެވެ. އުފަލަށްވުރެ ބޮޑަށް ހިތުގައި އެޅި ވޭނުން ބޮޑުވަރުވިއެވެ. ޒިހާމްއާއި އަދަލްގެ ފަރަގު ގާތުން ފެނިއްޖެއެވެ. އަދަލްއަށް ހައްގު ތަނަކީ ސޯފާއެވެ. އެހެން ކައިކައި މުޅި ދިރިއުޅުން ބޭކާރުކޮށްލުމެވެ. ޒިހާމްގެ އަންހެނުންގެ ރީތިކަން ފެނިފައި ކޮސްވެއްޖެއެވެ. ދެވަނަ ފަހަރަށް ބަލައިލަންވެސް ނުކެރުނެވެ. މަހާ ރާނީއެކެވެ. ހައިބަތުކަމުން ފުރިފައިވާ ފުރިހަމަ ޖޯޑެކެވެ. މުޅިތަނުގައި ހިފައިލި މީރުވަސް މުޅި ލިވިން ރޫމަށް ފެތުރުނެވެ. އަދަލް ކަނޑާލައިގެން އިން އަލުވި ޕެކެޓްގެ ވަސް ކަނޑުވައިލިއެވެ.
"އަދަލް ކުޅެން ގޮސްފައި އައިގޮތަށް މިއޮތީ..އަވަހަށް ފެންވަރާލައިގެން ސައިބޯން އާދޭ...ޒިހާމް..މަންމައަށް ގުޅަންވީނު.."
"ނޫން މަންމަ ގާތު ނުބުނެ އައީ ސަޕްރައިޒް ފަނިވެދާނެތީ.." ޒިހާމް އެމިލީ ގޮވައިގެން ގޮސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ.
"ހާދަ ހޫނޭ.."އެމިލީ ޝަކުވާކޮށްލިއެވެ.
"އޭސީ ކަނޑާލައިގެން އޮތީ ޚަރަދުކުޑަކޮށްލަން..."އަދަލް ތެދުވެ ޒިހާމްގެ އަތަށް ރިމޯޓް ދިއްކޮށްލިއެވެ."މި މަންތު ކަރަންޓު ބިލް ކުޑަކުރަން ހަމަ ސެކްރިފައިސް ވީ...ޓީވީވެސް ނުޖައްސަން...ގުޑް ދޯ..."
ޒިހާމް ބޮލަށް އުދަގޫވިއެވެ. ފޫހި އަދަލް ދުވަހަކު ބަދަލެއްނުވާނެއެވެ.
"މިއީ ހަގީގީ ދިރިއުޅުމަކީ...." ސަރަފީނާ ހިތަށް އެރިއެވެ. އަދަލް ތެދުވެގެން ދިޔުމުން ސޯފާގައި އިށީންއިރު އެކުދިން އަތުގައިވާ އަގުބޮޑު ފޯނާއި ގަޑިތައް ފެނި އާޝޯޚުވިއެވެ. އަދަލް އަތުގައި އެއް އިރެއްގައި އައްސާލައިގެން އުޅުނީ މާމަ ފޮނުވި ސަތޭކަ ރުފިޔާގެ ގަޑިއެކެވ. އެފަހުން ރަބަރު ފަށެއް ނޫނީ ފޮތިކޮޅެއް އައްސާލައިގެން އުޅޭތަންވެސް ގެނުނެވެ. އަމިއްލަ ދަރިފުޅާއި އަޅާނުކިޔޭ އެންމެފަހަރެއްވެސް ނުދެއެވެ. އޭނައަށް ލިބިފައި ހުރި ނާގާބިލު ދަރިއާއިމެދު ހިތާމަކުރިއެވެ.
"މަންމަމެން އަންނަންދެން ގެ ބަލައިލާން ހިނގާ..."ޖިޔާދު އެމިލީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެކި ތަންތަން ދައްކަމުންގޮސް ގޭގެ ފެންޑާއިން ނުކުތްވަގުތު އެދިމާލުގައި ހުރި ވައިލެޓް މާތަކެއް ފޮޅިފައި ހުރި ގަހެއްގެ ކައިރީގައި އަންހެންކުއްޖަކު ހުރިތަން ފެނުނެވެ. އެކުއްޖާ ހީލާފައި ގަހާއި ވާހަކަދައްކަނީއެވެ.
"އެއީ ކާކު؟ ކޮންކަހަލަ ހެދުމެއްލައިގެން؟ހީވަނީ ނިކަމެތި މެންޓަލް ކުއްޖެއްހެން..ޒިމްގެ އާއިލާގައި މިކަހަލަ މީހުން ތިބޭތަ؟"
"އެއީ ޖިޔާދުބެގެ ސިދްރާ..އަހަރެެމެން ގެއަށް މިކުއްޖާ އައީ އިހަށް ދުވަހު...މަންމަމެން ކިޔަނީ ޖިންނި އަވަލާފައޭ.."
"މިއީ ސަރަފީނާ ދައްތައާއި ޖިޔާދުބެގެ ގެ...މިގެ އަދި ނަހަދާ މިހިރީ..." ޒިހާމް މުސްކުޅި އިމާރާތް ދައްކައިލުމުން އެމިލީ ހައިރާންވިއެވެ. ހާދަ ބޮޑެވެ. އެގޭގެ ތެރެއަށް މީހުން ގެއްލިދާނެކަން ނޭގެއެވެ. އަޒުއާ ހައިޓްސްގެ ދެގެ ވަރުވާނެކަން ޔަގީނެވެ.
"ބިރުވެރި ފިލްމެއް ކުޅެލަން ރަގަޅު ލޮކޭޝަނެއް..މި ވީރާނާ ހަވޭލި އަދި މި ޖަންގައްޔެއްހެން ހީވާ ހިސާބު....ޔަގީން ހަރުފަ ނޫޅޭކަން.."އެމިލީ އެދިމާލަށް ނިކުންނަން ދެކޮޅުހެދިއެވެ. އޭނަ އަވަހަށް ޒިހާމްގެ އަތުގައި ހިފާ ދަމަންފެށިއެވެ.
ދެމީހުން ލިވިން ރޫމަށް ނިކުތްތަނާހެން މާރިޔާއާއި ދެ އަންހެންކުދިންވެސް ގެއަށް ވަނީއެވެ. ޒިހާމްމެން ފެނުމުން ހައިރާންވެ އަނގަ މަތީގައި އަތް އަޅައިގެން ތިބެފައި އުފަލުން ހަޅޭއްލަވައިގަނެވުނެވެ. މާރިޔާވެސް އޭނަގެ ދަރިފުޅާއި އަންހެނުން ފެނުމުން ފަޚުރުވެރިވިއެވެ. އެންމެން ވާހަކަދައްކަން އިރުކޮޅަކު ސޯފާ ސެޓްގައި ތިބެފައި ސައި ބޯންވެސް އެކީދިޔައެވެ. މާރިޔާ ހީކުރީ ޒިހާމްއާއި އެމިލީއަށް އަދި އަދަލް ނުފެންނަކަމަށެވެ. ފެނުނުނަމަ ޒިހާމް ބުނާނެކަން ޔަގީނެވެ.
"މަންމާ ވަރަށް ލަސްވެއްޖެ..އެމިލީ ދަތުރުދިގުކަމުން ޓަޔަޑް..މަންމަ އަތުގައި ދޯ ތަޅުދަނޑި ތައް ހުރީ؟ރެސްޓްކޮށްލަން ދާންވީކަން ނޭގޭ..."ޒިހާމް ތެދުވުނެވެ.
***
އަދަލް ފެންވަރާލައިގެން ތިރިއަށް އައުމާއެކު ލޮލުގައި އަޅައިގަތީ ފްރިޖްގައި ހުރި ޕޭސްޓްރީތަކާއި އަގުބޮޑު ޗޮކްލެޓެވެ. އޭނަ ހަމަޖެހިލައިގެން ގޮނޑީގައި އިށީދެ ކާންފެށިތަނާ ހީރާއާއި އަޒާލީ ވަދެގެން އައެވެ. އެކުދިންގެ ފަހަތުން އައި ސިދްރާ ހުރީ މޫނު ފޮރުވައިގެންނެވެ.
"އަދަލް ތީ ދޮންބެ ގެނެސްފައި ހުރި އެއްޗެހި...އަހާ ނުލާ ހަމަ އެބަ ކާލައޭ..."
"އޯ....ސޮރީ ސިސް...ކައިފިން.. އެކަމަކު ހާސްނުވޭ..ކޮންމެވެސް ދުވަހަކުން މިއަދު މި ކެވުނު މަނާ އެއްޗެހީގެ އަގު ދައްކާނަން..އޯކޭ؟ ހެޕީ؟"
އަޒާލީ ކަޅި އަޅައިގަތުމުން ހީރާއަށް ހެވުނެވެ.ކަޅި އެޅުމުގެ މުބާރާތުން އޭނަގެ ދޮންތަ ވަނައެއް ހާސިލުކުރާނެއެވެ."އަގު އަދާކުރާނެ؟ އެ ކިހިނެއް؟މިހާރުވެސް ތިހިރީ ވަޒީފާއެއްނެތި..ދުވަހަކު މުއްސަދިނުވާނެކަން ޔަގީން...ދެން ކިހިނެއް އެންމެ ޗޮކްލެޓެއްގެ އަގު ދައްކާނީ؟ އިމްޕޮސިބަލް......"
"ފައިސާއިން އަގު އަދާކުރުމަކީ ފަސޭހަކަމެއް..އެކަމަކު އިންސާނަކަށް އެންމެ ބޮޑު މުއްސަދިކަމަކީ ހިތްހެޔޮކަން..އެއީ ތި މީހުންނަށް ދުވަހަކު ގަނެވޭނެ އެއްޗެއްނޫން ހެން ހީވޭ.."ސިދްރާ ބުނެލިއެވެ. އަދި ދެ ތަށި ކޮފީ ހިފައިގެން ގޮސް މޭޒުދޮށުގައި އިށީނެވެ.
"ކައިސް.. މިހިރީ ކޮފީ..ދެން ކޯނޗެއް ކާނީ؟"އޭނަ ޖެހިގެން ހުރި ގޮނޑިއާއި ދިމާލަށް ބަލަމުން ވާހަކަދެއްކިއެވެ. އެއާއެކު ދެވަނަ ސިކުންތުކޮޅުގައި އަޒާލީއާއި ހީރާ އެތަނުން ދުވަމުން ކަހަލަގޮތަކަށް ނުކުތުމުން އަދަލް އެ ގޮނޑިއާއި ދިމާލަށް ބަލައިލިއެވެ. "ހެލޯ ކައިސް..............."
"މިއީ މަގޭ ބޮޑުދައިތަގެ އަދަލް..." ސިދްރާ ކައިސްއަށް ތައާރަފުކޮށްދިނެވެ.
"ވަރަށް އުފާވެއްޖެ ބައްދަލުވެވުނީމަ..އަހަރެން ނުދެނެހުރިން ކައިސް މިހާ ހެންސަމް ޓޯލް ޑާކް ކަމެއް..މިލްސް އެންޑް ބޫންސްގޮތަށް...އަހަރެން ދުވަހަކު އެވާހަކަ ނުކިޔަން އެކަމް މަންމަ ތަންކޮޅެއް ކުރިން ބުނޭ ދައްތަ އޭގެ ވާހަކައެއް ކިޔާފައި އެއިން ކެރެކްޓާއަކަށް މޮޔަވެގެން އުޅެފައި އެކަހަލަ މީހަކާއޭ ރިއަލް ލައިފްގައި ދިމާވީ......"އަދަލް ބުނެލިއެވެ.
ސިދްރާއަށް މަޖާވިއެވެ."މަންމަ ވާހަކަ ނުކިޔާތަ؟"
"މަންމައަށް ނުކިޔެވޭ..ދައްތަހެން ހިތް އަލި ނޫނޯ މަންމަ ބުނީ..އެހެންވެ އަނެއްހެން އިނގިރޭސިން ވާހަކަދައްކަން މަންމައަކަށް ނޭގޭނެ..މަންމަ ވަރަށް ހަރުކަށި ވައްތަރު ދައްކައިގެން ހުއްޓަސް މީހުންނަށް ހެޔޮވާނެ..."އަދަލް އޭނަގެ މަންމައަށް ތައުރީފުކުރިއެވެ."މަންމައަކީ ހާހަކުން އެކެއް.."
"ވަރަށް ހިތްތިރި އެކީގައި އުޅެން ފަސޭހަ...އެކަމަކު..އެއްވެސް މީހަކު އަދި އަހަރެން ބަލައިގަންނަން ނޫޅޭ...ސަރަފީނާ ދައްތަވެސް......."
"ކައިސް؟ ބުނެބަލަ.... ކައިސްގެ ސަބަބުންތަ އެހެންވަނީ؟ އަދަލް އެހިއެވެ.
ހީރާ ސިއްސައިގެން ދިޔަ ވަރުން އަޑެއް ލައްވައިލެވުމާއެކު އަނގަމަތީގައި އަތް އެޅިއެވެ. ދޮރުފަތުގެ ނިވަލުގައި ހުރެ ސިއްރުން އެވާހަކަަތައް އަޑުއަހަމުން ދިޔައިރު އޭނަގެ ބޮޑު ދެލޯ ކުރިއަށްވުރެ ބޮޑެވެ. މޭގަނޑުވެސް އޮތީ އަނގައިގެ ތެރޭގައެވެ. އަދަލްއަށްވެސް އެބުނާ ޖިންނި ފިރިމީހާ ފެންނަނީހެއްޔެވެ؟ މިލްސްއެންޑް ބޫންސްގެ ކެރެކްޓާއަކާއިވެސް ވައްތަރުކޮށްފިއެވެ. އަޒާލީ ގާތު މިވާހަކަ ބުންޏަސް ގަބޫލެއްނުކުރާނެއެވެ. ހީވާނީ އޭނަ ހަދަ ހަދައިގެން ދެއްކި ވާހަކައެއް ހެންނެވެ. ސިދްރާގެ ޖިންނި އަދަލްއާއިވެސް އަވަލީކަން ޔަގީނެވެ. ދެމީހުން ޖިންނިއާއި ވާހަކަދައްކަނީ ހަމަ އެއީ އާދައިގެ ކަމެއްކަމަށް ހަދައިގެންނެވެ.
ނުނިމޭ