ދައުލަތުގެ އެއްވެސް އިދާރާއަކުން ކުރާ އެއްވެސްކަމެއް ހުއްޓާލަން އެންގުމުގެ ބާރު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ބޯޑާ ކޮންޓްރޯލް މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންވާކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ އާއި ފަނޑިޔާރު ޔޫސުފް ހުސެއިން އަދި ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އޭސީސީން އިމިގްރޭޝަނަށް ފޮނުވި ސިޓީގައި އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ އެންގުމަކީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގެ ދަށުން އަންގާފައިވާ އެންގުމެއްކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ އެންގުމަކީ އެކޮމިޝަންގެ ގާނޫނުގެ ދަށުން އަންގާފައިވާ އެންގުމަކަށް ވާތީ އާއި އަދި ކޮރަޕްޝަން ހުއްޓުވުމުގެ ބާރަކީ ކޮރަޕްޝަންގެ އެންމެ ތަނަވަސް މާނައިގައި ކޮރަޕްޝަނާއި ގުޅޭ ގާނޫނުތަކުންނާއި ގާނޫނު އަސާސީގެ 199 ވަނަ މާއްދާގެ (ށ) ގެ ސަރީހަ ނައްސުން އޭސީސީއަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނަކަމަށެވެ.

އެހެންކަމުން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގި އެންގުމަށް އިމިގްރޭޝަނުން ތަބާވާންޖެހޭނެ ކަމަށް ކަނޑައަޅައި ވަނީ ހުކުމް ކޮށްފައެވެ.