17 Sep 2012, 15:44
ރާއްޖެއިން ޗައިނާއަށް ސީފްޑް އެކްސްޕޯޓް ކުރާ ފަރާތްތަކުން ޗައިނާގެ ސެޓިފިކޭޝަން އެންޑް އެކްރެޑިޓޭޝަން އެޑްމިނިސްޓުރޭޝަން އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ސީއެމްސީއޭ)ގައި ރަޖިސްޓުރީ ކުރުމަށް ޗައިނާ ސަރުކަރުން އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓުރީން މިއަދު ބުނީ ޗައިނާއަށް ސީފުޑް އަދި ކަނޑުމަހުގެ ބާވަތްތަށް މީގެ ކުރިން އެބޭފުޅުން ދެއްވާ ހާއްސަ ހުއްދައެއްގެ ދަށުން އެކުސްޕޯޓް ކުރެވުނު ނަމަވެސް މިއަންނަ އަހަރުގެ މެއި މަހުން ފެށިގެން ސީއެމްސީއޭ ގައި ރަޖިސްޓުރީ ނުކުރާ ފަރާތްތަކަށް އެކުސްޕޯޓް ނުކުރެވޭނެ ކަމަށް ޗައިނާ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
"ދިވެހި ރާއްޖެއަކީ ޗައިނާއަށް ސީފްޑްގެ ބާވަތްތައް އެކުސްޕޯޓްކުރާ ގައުމަކަށް ވާތީ، ދިވެހި ކުންފުނިތަކުން ޗައިނާއަށް އެކުސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް ޗައިނާއަށް އެތެެރެ ކުރުުގައި ދިމާވެދާނެ ދަތިތަކަށްޓަކައި، ޗައިނާ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ދިވެހި ސީފުޑް އެކުސްޕޯޓަރުން ރަޖިސްޓަރީ ކުރުމަކީ، އިކޮނޮމިކް މިނިސްޓުރީގެ ވަރަށް ބޯޑަށް އެދޭ އެދުމެކެވެ،" އިކޮނޮމިކް މިނިސްޓުރީން ބުންޏެވެ.
އަދި ބުނީ ރަޖިސްޓުރީ ކުރުވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އިކޮނޮމިކް މިނިސްޓުރީއަށް ހުށައެޅުމުން ރަޖިސްޓުރީގެ ކަންތައްތަށް ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމް އެމިނިސްޓުރީގެ ވެބް ސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓުރީން ބުންޏެވެ.