ޕްރިތީ މުހިއްމު ރޯލެއް ކުޅޭ ފިލްމު 'ވައިބް' ސެޕްޓެމްބަރު މަހު
ޕްރިތީ މުހިއްމު ރޯލެއް ކުޅޭ ފިލްމު 'ވައިބް' ސެޕްޓެމްބަރު މަހު

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އަލުން ފިލްމީ ދާއިރާގައި މަސައްކަތްކުރަން ފަށާފައިވާއިރު ބެލުންތެރިންނަށް ޕްރިތީ މި އަހަރު ފެންނާނެ ދެވަނަ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ގައި ރިލީޒްކުރާ މި ފިލްމަކީ، އެކްޓަރު ކުނާލް ކޭމޫ ލިޔެ ޑައިރެކްޓްކޮށް "ވައިބް"ގެ ނަމުގައި ގެނެސްދޭ ފިލްމެކެވެ.

ކުނާލް މި ފިލްމު ގެނެސްދެނީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިންޑިއާއާ ގުޅިގެންނެވެ. ފިލްމުގެ މުހިއްމު ރޯލަކުން ޕްރިތީއާ އެކު ކުނާލް ފެންނާނެއިރު އިތުރު ތަރިންގެތެރޭ، ވަންޝިކާ ދީރު އަދި ސްޕާޝް ޝްރިވަސްތަވާ ހިމެނެއެވެ.

ފިލްމު "ވައިބް"ގެ މަސައްކަތުގެ އިތުރުން ޕްރިތީ އަންނަނީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ލާހޯރު 1947"ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމުގައި ޕްރިތީ ފެންނާނީ އެކްޓަރު ސަނީ ޑިއޯލްއާ އެކުއެވެ. އާމިރު ޚާން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހަށެވެ.

އެކްޓަރު/ޑައިރެކްޓަރު ކުނާލު ކޭމޫ އަދި ބަތަލާ ޕްރިތީ ޒިންތާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ބަތަލާއިންގެތެރެއިން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ޕްރިތީ އެންމެފަހުން ފެނިފައި ވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބެއްޔާޖީ ސުޕަހިޓް"އިންނެވެ.

ބޮޑު ދެ ފިލްމަކުން ޕްރިތީ މި އަހަރު ބެލުންތެރިންނަށް ފެންނާނެކަން ކަށަވަރުވުމާ އެކު ބަތަލާގެ އިތުރު ފިލްމުތައް ކުރިމަގުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.