2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕް ބައްރުގެ ކޮލިފިކޭޝަން މެޗުތައް، ޗެމްޕިއަންސް ލީގުގެ އައު ފޯމެޓާ އެއްގޮތަށް ބަދަލުކުރުމަށް ޔުއެފާ އިން ނިންމާ އެކަން އިއުލާނުކޮށްފިއެވެ

މި އައު ބަދަލުގެ ސަބަބުން ރޭންކިންގެ އެންމެ މަތީގައި އުޅޭ ޓީމުތަކާއި އެންމެ ފުލުގައި އުޅޭ ބަލިކަށި ޓީމުތައް ކޮލިފައިންގެ ކުރީކޮޅު ބައްދަލުކުރަން ނުޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން، އެއްކޮޅަށް މެޗު އެނބުރިގެންދާ ފޫހި މެޗުތައް މަދުވެގެންދާނެއެވެ.

ޔުއެފާގެ އައު ފޯމެޓު ރޭވިފައިވާގޮތް

  • ލީގު އޭ: ރޭންކިންގެ އެންމެ މަތީގައި އުޅޭ 36 ޤައުމު، 12 ޓީމުގެ ތިން ގްރޫޕަކަށް ބަހާލެވޭނެއެވެ. އަދި ކޮންމެ ޓީމަކުން ވެސް މި ގްރޫޕްތަކުން ގުރުއަތުން ދިމާވާ 6 ޓީމަކާ ދެކޮޅަށް ކުޅޭނެއެވެ. މިއީ 2024-25 ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި ކުޅެމުންދާ 'ސްވިސް ސިސްޓަމް' އާ އެއްގޮތް ފޯމެޓެކެވެ.

  • ލީގު ބީ: މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އަދަދަށް ބަލައި، މި ލީގުގައި ހިމެނޭނީ 6 ޓީމުގެ ތިން ގްރޫޕް، ނުވަތަ 6 ޓީމުގެ ދެ ގްރޫޕާއި 7 ޓީމުގެ އެއް ގްރޫޕެވެ.

ކޮލިފައިންގެ ފުރިހަމަ ތަފްޞީލްތައް އަދި މުޅިން ނިންމާފައިނުވި ނަމަވެސް، ޔުއެފާ އިން ކަށަވަރުކޮށްދޭ ގޮތުގައި ލީގު އޭ ގެ ތިން ގްރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކަށް ޔޫރޯ ނުވަތަ ވޯލްޑް ކަޕްގެ ޖާގައެއް ސީދާ ލިބޭނެއެވެ. އަދި ބާކީ ހުރި ޖާގަތައް ކަށަވަރުކުރާނީ ދެ ލީގުގެ ޓީމުތައް ހިމަނައިގެން ކުޅޭ ޕްލޭއޮފް މެޗުތަކަކަށް ފަހުއެވެ.

ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން މި އައު ފޯމެޓް ރަސްމީކޮށް ފާސްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ބައްދަލުވުމުގައެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ސެފެރިން ވިދާޅުވީ، މި ބަދަލުގެ ސަބަބުން ވާދަވެރިކަން އިތުރުވެ، ނަތީޖާގެ މުހިންމުކަމެއް ނެތް މެޗުތައް މަދުވާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކަލަންޑަރަށް އިތުރު މެޗުތަކެއް އިތުރުނުކޮށް، ސަޕޯޓަރުންނަށް ފޯރިގަދަ މެޗުތަކެއް ފެނުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހުށަހެޅުމުގެ ދަށުން، 2030 ގެ ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ ސްޕެއިން އާއި ޕޯޗުގަލް މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވާނެއެވެ. ނަމަވެސް ދެ ކައުމުން ވެސް މި ކޮލިފައިން މެޗުތަކުގައި ކުޅެންޖެހޭނެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އިތުރުން، 2028-29 ސީޒަނުން ފެށިގެން ނޭޝަންސް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެނައުމަށް ޔުއެފާ އިން ވަނީ ނިންމާފައެވެ.

މިހާރު އޮންނަ 4 ލީގުގެ ބަދަލުގައި ދެން އޮންނާނީ ކޮންމެ ލީގެއްގައި 18 ޓީމު ހިމެނޭ ގޮތަށް 3 ލީގެވެ.

ކޮންމެ ލީގެއް ބަހާލެވޭނީ 6 ޓީމުގެ ތިން ގްރޫޕަށެވެ. އަދި ކޮންމެ ޓީމަކުން ވެސް ގްރޫޕުގައި ހިމެނޭ އަނެއް 5 ޓީމާ ދެކޮޅަށް ކުޅޭނެއެވެ.

މިހާރެކޭވެސް އެއްގޮތަށް ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗުތައް ކުރިއަށްދާނީ މާރޗް އަދި ޖޫން މަހުގެ އިންޓަނޭޝަނަލް ބްރޭކްތަކުގައެވެ.