އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަމިއްލައަށް ކޯޓު ހެދި މައްސަލަ އާއި ޖުޑިޝަރީއާ ގުޅިގެން މޫސަ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެމްބަރު ރީކޯ މޫސަގެ މައްސަލަތަކުގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް މިއަދު ފޮނުވި މައްސަލަތަކުގެ ތެރޭ ހިމެނެނީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި "ރައްޔިތުންގެ ކޯޓު" ގެ ނަމުގައި ކޯޓެއް ހެއްދެވި މައްސަލައިގެ އިތުރުން ކޯޓުތަކުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެވެ.

އެ މައްސަލަތަކާ ގުޅިގެން މީގެ ދެ ހަފުތާކުރިން މޫސަ ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ. ނަމަވެސް ފުލުހުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި މޫސަ ހަނު ހުންނެވީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަތަކުގައި ދަޢުވާ ކުރާނެ ގޮތެއް ނިންމާނީ ޕީޖީން ކަމަށެވެ.