ސަރުކާރު ސްކޫލުތަކުގައި އޭލެވެލް ނުވަތަ މަތީ ސާނަވީއަށް ކިޔަވަން އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

އެ ފުރުސަތަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެ ފުރުސަތު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މިނިސްޓްރީން ބުނީ، އޭލެވެލްއަށް ކިޔަވަން އެދޭ ދަރިވަރުންނަކީ މިދިޔަ އަހަރުގެ ނިޔަލަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ކުދިންނަށް ވާންޖެހޭނެ ކަމަށެވެ. އެ އުމުރު ހަމަވި ނަމަވެސް، ގްރޭޑު ދިހައެއް ނިމި، 18 އަހަރު ނުފުރޭ ކުދިންނަށް އޭލެވެލް ކިޔަވަން ޝަރުތު ހަމަވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ، މާރިޗުގައި އޯލެވެލް ހަދައި، ޝަރުތު ހަމަވާ ދަރިވަރުންނަށް ވެސް އޭލެވެލް ކިޔެވޭނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވާ ސުކޫލުން ދަރިވަރުގެ ޖާގައާ ބެހޭ މައުލޫމާތު އަންނަ ހޯމަ ދުވަހުން ފެށިގެން ބެލެނިވެރިންނާ ހިއްސާކުރާނެއެވެ. އަދި، ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރުން ރަޖިސްޓްރީކުރުމާ ގުޅޭ މައުލޫމާތު ބެލެނިވެރިޔާގެ އީމެއިލްއަށް ފޮނުވާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.