ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް، އެ ކުލަބުގައި މަޑުކުރުމަށް އަލީ ނިސްތާރު މުޙައްމަދު ނިންމައިފިއެވެ.

ގްރީން ސްޓްރީޓްސްއާ އެކު ހަ އަހަރު ހޭދަކުރުމަށްފަހު، މަގާމުން ވަކިވާން ނިންމިކަން ނިސްތާރު ކުރިން ހާމަކުރީ މި މަހުގެ 17 ވަނަ ދުވަހު ފޭސްބުކް މެދުވެރިކޮށެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި އެއް ކުލަބެއްގައި މިހާ ދިގު މުއްދަތެއް ކޯޗެއްގެ ގޮތުގައި ހޭދަކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއްކަން ފާހަގަކޮށް، ގްރީންއާ އެކު ކުރެވުނު ދަތުރަށް ޝުކުރު އަދާކޮށްފައެވެ.

''ސަން'' އާއި ވާހަކަދައްކަމުން ނިސްތާރު މިހާރު ބުނީ، ކުލަބުގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ގްރީންގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލް (މުއާބެ) ގެ އެދުމަކަށް ވާތީ ކަމަށެވެ.

އޭނާގެ ދިރިއުޅުމުގެ ދަތި އުނދަގޫ ދުވަސްތަކުގައި މުއާވިޔަތުގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އެހީތެރިކަމަކީ ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެހެންކަމުން މުއާވިޔަތުގެ އިލްތިމާސަށް ފުރަގަސްދޭން ބޭނުންނުވީ ކަމަށް ނިސްތާރު ބުންޏެވެ.

ކުރިން ކުލަބު ދޫކޮށްލަން ނިންމި ސަބަބާ ބެހޭގޮތުން ނިސްތާރު ބުނީ، އެއީ ޓީމުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދޭން އެދުމުން ވެސް އޭރު އެދެވޭ ޖަވާބެއް ނުލިބުމުންނެވެ.

ނަމަވެސް، މުއާވިޔަތުއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ މައްސަލަތަކަށް އަލިމަގެއް ފެނި ހައްލުތަކެއް ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ނިސްތާރު ހަވާލުވީ 2020 ވަނަ އަހަރު، އޭރުގެ ކޯޗު އަލީ ސުޒެއިން މަގާމުން ވަކިވުމާ ގުޅިގެންނެވެ.

މީގެ ކުރިން ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅު މަސައްކަތްތަކެއް ކުރި ނިސްތާރުގެ އިރުޝާދުގެ ދަށުން، ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 8 ވަނައިގައެވެ.