21 May 2026, 13:15
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްޙާގު ހުސައިން މިއަދު އިސްތިއުފާ ދެއްވަފައިފިއެވެ.
އިސްހާގު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވީ، މި ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް، އެ މަނިކުފާނު އަދި އިސްތިއުފާ ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްހާގު ވިދާޅުވި ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކަށްޓަކައެވެ.
އިސްހާގު އެ މަގާމަށް އައްޔަނުކުރީ އޭޕްރީލް 15، 2024 ގައެވެ.
އިސްހާގުގެ އިތުރަށް އެ ޓްރައިބިއުނަލްގައި ނައިބު ރައީސަކާއި ހަތަރު މެންބަރުން ތިއްބަވައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަކީ ވަޒީފާއާ ބެހޭ އެކިއެކި މައްސަލަތަކުގައި ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތެރީން މައްސަލަ ހުށަހަޅާ އިދާރާއެކެވެ.
އެ އިދާރާގެ ބޭނުމަކީ ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާ ބެހޭ ގާނޫނާއި އެހެން ވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާ ވެސް އަވަހަށް ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.