17 Sep 2012, 15:27
ރާއްޖެ އަށް ޓެކްސްގެ ނިޒާމް ތަޢާރަފުވުމުން ވިޔަފާރި ވެރިން ޒަކާތް ދައްކާ މިންވަރު ދަށަށް ގޮސް ޒަކާތުގެ ނިޒާމަށް ލޮޅުން އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޒަކާތު ފަންޑުގެ ހިލޭ އެހީގައި މަތީ ތަޢުލީމްގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރަން ރޭ ބޭއްވި ރަސްމިއްޔާތު ގައެވެ.
"ރާއްޖެއަށް ޓެކްސް ގެ ނިޒާމް ތަޢާރަފު ވެގެން ދިޔައިރު ގާނޫނީ ގޮތުން ޒަކާތުގެ ނިޒާމް ހިމާޔަތް ކުރެވިފައި ނެތުމުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ވަނީ ލޮޅުން އަރާފައި. ޓެކްސްގެ ނިޒާމް ގާނޫނީ ގޮތުން ތަޢާރަފު ވެގެން ދިޔަ ފަހުން ވިޔާފާރި ވެރިން ޒަކާތް ދައްކާ އަދަދު ވަނީ ދަށްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތު ފަންޑަކީ ވަރަށް ގިނަ ހިދުމަތްތަކެއް ހިލޭ އަދާ ކޮށްދޭ ފަންޑެއް ކަމަށާއި ވިޔަފާރި ވެރިން ޒަކާތް ނުދައްކާނަމަ އޭގެ ގެއްލުން ވަރަށް ގިނަ ބަޔަކަށް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ވިޔަފާރި ވެރިން، މުދަލުން ޒަކާތް ދޭނަމަ ގިނަ ކުދީންތަކަކަށް ތައުލީމްގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ.
އާސަންދައިގެ ދަށުން އެހީތެރިކަން ނުލިބޭ ކަންކަމަށް ފަންޑުގެ ތަނަވަސް ކަން ހުރިވަރަކުން ފަގީރު މިސްކީނު ބަލި މީހުންނަށް އެހީވަމުން އަންނަ ކަމަށާއި އޭގެ ތެޜޭގައި ޑައިލިސިސް ހެދުމާއި ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެހީވުމާއި ގެދޮރު އެނދުމުން އެހީވާ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.
"ރާއްޖޭގައި ޒަކާތުގެ ކަންކަން މިހާރު ހިންގަމުން މިދަނީ ބައިނަލްއަގުވާމީ ފިގުހު އެކަޑަމީތަކުގެ އެންމެ ފަހުގެ ފިގުހީ އިޖުތިހާދާތްތަކުގެ އަލީގައި. އަޅުގަނޑު މިވުޒާރާއާ ހަވާލުވުމަށް ފަހު އަވަސްވެގަތީ ޒަކާތުގެ ގާނޫނާބެހޭ ބިލެއް އެކުލަވާލުމަށް. މިގޮތުން އިސްލާމީ ގައުމުތަކުގެ ޒަކާތާ ބެހޭ މުއައްސަސާތައް ދިރާސާކޮށް، ދީނީ އިލްމުވެރިންނާއި މަޝްހޫރު ލޯޔަރުންގެ ލަފައާއެކު ވަނީ ގާނޫނު އެކުލަވާލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތުގެ ފަންޑުން ކުރަންޖެހޭ ހޭދަތަކަށް ބަލާއިރު އެކަން ކުރެވެން އޮތީ އިސްލާމީ ބޭންކެއްގެ އެހީގައި ކަމަށާއި އެހެންކަމުން ޒަކާތުގެ ފައިސާ ހައްގުވެރިންގެ މަސްލަހަތަށްޓަކައި ފަންޑު ދިރުވައި އިންވެސްޓުކުރުމާ މެދު މިސުރުގެ އަޒުހަރު ޔުނިވާސިޓީގެ ލަފަޔަކަށް އެދިފައިވާ ކަމަށް ވެސ×ް މިނިސްޓަރު ވިދާޅުވި އެވެ.