މީހެއްގެ ވޮލެޓެއް ފޭރިގަތް އަންހެނަކު ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ އައްޑޫ ސިޓީގެ މަރަދޫފޭދޫ މާކަރީ ލައިޓް، މަރިޔަމް ޝަފާ އިބްރާހިމްގެ މައްޗަށެވެ.

މިހާރުވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ޝަފާގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ށ. ކޮމަންޑޫ ކަސްތޫރިގޭ ހުސެއިން އަޒުމީލް "އޮފް ޑޭ އިން" ގެސްޓްހައުސް ކައިރީ ސައިކަލްގައި މަޑުކޮށްގެން ހުރެ އެ ސައިކަލްގެ ފަހަތުގައި އިން މީހަކަށް އޭނާގެ ވޮލެޓުން 300ރ. ނަގައި ދޭން ދިން ވަގުތު ޝަފާ އެ ވޮލެޓް ފޭރިގެންފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ފޭރުމުގެ ކުށުން އޭނާ ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ދަށުން އޭނާ ހަމަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.