05 Sep 2010, 09:36
14:37
ދިއެފްއެމްގެ 5 ޕޮއިންޓް އަލުން އަނބުރާ ރުޖޫއަ ކޮށްދިނުމަށް އެމްޖޭއޭން ގޮވާލައިފި އެވެ.
އެމްޖޭއޭން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެރޭ މުލީއާގެ ކައިރިއަށް ޑީ.އާރު.ޕީ އިން އެއްވި އެއްވުން ދި.އެފް.އެމް ވިޝުއަލް ރޭޑިއޯއިން ލައިވް ކުރުމުން އިންފޮމޭޝަން ޑިޕާރޓުމަންޓަށް އެ ރޭގެ ދި.އެފް.އެމްގެ ޕްރޮގްރާމުގެ ކޮންޓެންޓް ގެންގޮސް ފިޔަވަޅު އަޅައިފައިވަނީ "ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އިންޓަވިއުއެއް" އެރޭ ފޮނުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް، އެރޭ ދި.އެފް.އެމް ވިޝުއަލް ރޭޑިއޯ އިން ފޮނުވި ޕްރޮގްރާމާއި ގުޅިގެން ފުލުހުން އެ ސްޓޭޝަނަށް ވަދެ ޓްރާންސްމިޝަން ހުއްޓާލަން އެންގި އެންގުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތަހުޤީޤު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި، އެ ސްޓޭޝަނުން އެރޭ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޓަވިއު ފޮނުވާފައި ނުވާކަމަށް ސާބިތުވެފައިވާ ކަމުގައި އެކޮމިޝަނުން ބުނެފައިވާތީ، ދިއެފްއެމްގެ 5 ޕޮއިންޓް އުނިކުރި ކުރުން އަނބުރާ ގެންގޮސް، އެ ޕޮއިންޓް ރުޖޫއަ ކޮށްދިނުމަށް ގޮވާލާ ކަމަށް އެމްޖޭއޭން ބުނެ އެވެ.
އަދި ޚަބަރުފަތުރާ އިދާރާއަކުން ފަރުތާ ޚަބަރެއް ނުވަތަ ހާމަ ކުރާ ކަމެއްގެ ސަބަބުން ކޮންޓެންޓް ރިވިއުކުރުމުގެ މެންޑޭޓް މިހާރު އޮތް ފަރާތަކީ މޯލްޑިވްސް މީޑިޔާ ކައުންސިލް ކަމުގައި ވާތީ، ޑިޕާޓުމަންޓް އޮފް އިންފޮމޭޝަނުން އުފައްދާފައި އޮންނަ ކޮންޓެންޓް ކޮމިޓީ ވަގުތުން އުވާލުމަށް ވެސް އެމްޖޭއޭން ވަނީ ގޮވާލާފަ އެވެ.