ހުއްދަ ނެތި ބޭސް އެތެރެކުރާތީ އެމްއެފްޑީއޭގެ އިންޒާރެއް، ގިނައީ 'ޖިންސީ' ބޭސް
ހުއްދަ ނެތި ބޭސް އެތެރެކުރާތީ އެމްއެފްޑީއޭގެ އިންޒާރެއް، ގިނައީ 'ޖިންސީ' ބޭސް

ބޭސް އެތެރެކުރުމުގެ ހުއްދަ ނެތި، އަދި ރަޖިސްޓްރީނުކޮށް އެތެރެކުރާ 'ޖިންސީ' ބޭސްތަކެއް ހުރި ލިސްޓެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިއްޔެ އާންމުކޮށްފިއެވެ.

އެކާވީސް ބޭސް ހިމެނޭ އެލިސްޓުގައިއެންމެ ގިނައިން ހިމެނެނީ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ބޭހެވެ. އެ ބާވަތުގެ ހަތް ބޭހެއް އެ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ:

  • ސްޓަޑް 100 ޓޮޕިކަލް ސްޕްރޭ

  • ވިގާ 50000 ސްޕްރޭ
  • މެންސް އޮއިލް
  • ކަމަގްރާ އޯރަލް ޖެލީ
  • އެކްޓެންޑް ޑިލޭ ޖެލް 20 ގްރާމް ޓިއުބް, ސަޝޭ
  • އައިއެލްޔޫއެމް މޭލް ސެކްޝުއަލް އެންހޭސްމަންޓް ޗޮކްލެޓް
  • ނޮޓީ ބޯއީސް

ހުއްދަ ނެތި އެތެރެކުރާ ކަމަށް އެމްއެފްޑީއޭއިން ފާހަގަކޮށްފައިވާ ބޭހެއް ----

އެ ބޭސްތަކުގެ އިތުރަށް ހަންގަނޑު އަލިކުރުމަށް ބޭނުންކުރާ ހަ ބޭހެއް ވެސް އެ ލިސްޓުގައި ހިމެނެއެވެ. އަދި، ތަދު ކެނޑުވުމަށް ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު މޫވް ސްޕެރޭއާއި މޫވް އޮއިންޓްމަންޓް ވެސް ހުއްދަ ނެތި ބައެއް ފަރާތްތަކުން އެތެރެކުރާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިތުރަށް ފާހަގަކޮށްފައިވާ ބޭސްތައް:

  • ހޮންގްތައި ބާމް/ އިންހޭލާ

  • އޮޒެމްޕިކް
  • މައިނޯކްސިޑިލް ސޮލިއުޝަން
  • ޑިއޭން 35
  • ޕްރޮކޮމިލް ސްޕްރޭ

ފާހަގަކުރެވޭ ގޮތުގައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފައިވެއެވެ.

"މި ފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން، އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ،" އެމްއެފްޑީއޭއިން ބުންޏެވެ.