ހެޔޮ ލަފާ ރަނގަޅު ރަހުމަތްތެރިން، ދިރިއުޅުމަށާއި ސިއްހަތަށް ކިހާ މުހިއްމު ބައެއް؟
ހެޔޮ ލަފާ ރަނގަޅު ރަހުމަތްތެރިން، ދިރިއުޅުމަށާއި ސިއްހަތަށް ކިހާ މުހިއްމު ބައެއް؟

އަޅުގަނޑުމެންގެ މެދުގައި އޮންނަ އާއިލީ ގުޅުންތަކާއި އެކަކު އަނެކަކަށްޓަކައި ހިތުގައި އޮންނަ ލޯބީގެ ގުޅުންތަކުގެ ސަބަބުން ދުޅަހެޔޮކަން އިތުރުވެ، އުމުރު ދިގުވުމަށް އެހީތެރިވެދޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް، އެކީގައި އުޅޭ ރަހްމަތްތެރިންގެ، ރަހްމަތްތެރިކަމުގެ ގުޅުމުން ވެސް މިފަދަ ފައިދާތަކެއް ލިބޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ހެޔޮ ލަފާ ރަނގަޅު ރަހުމަތްތެރިން، ދިރިއުޅުމަށާއި ސިއްހަތަށް ކިހާ މުހިއްމު ބައެއް؟
ހެޔޮ ލަފާ ރަނގަޅު ރަހުމަތްތެރިން، ދިރިއުޅުމަށާއި ސިއްހަތަށް ކިހާ މުހިއްމު ބައެއް؟

އިނގިރޭސިވިލާތުގެ ނޮޓިންހަމްގައި މަސައްކަތްކުރާ ކޮމޭޑިއަން ބެނީ ޝޭކްސް އަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ކުރިމަތިލަމުންދާ މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ހަކަތަ ހުންނަ މިންވަރަށް ބަލައި، ރަޙުމަތްތެރިންނާ ބައްދަލުކުރުމަށް ރާވާ ރޭވުންތައް ގިނަ ފަހަރަށް ކެންސަލް ކުރަން ޖެހެއެވެ.

"މަސައްކަތުގެ ބުރަކަމާއި އަދި އަހަރެންގެ ޞިއްޙީ ޙާލަތުގެ ސަބަބުން ރަހުމަތްތެރިކަން ދެމެހެއްޓުމަކީ ދަތި ކަމެއް. ގިނަ ވަގުތު ހުންނަނީ ވަރުބަލިވެފައި،" އޭނާ ކިޔައިދިނެވެ.

އަދިވެސް އޭނާ ބުނި ގޮތުގައި، އޭނާގެ ބައިވެރިޔާ އާއި ރަޙުމަތްތެރިން އޭނާ އެކަނި ހުންނަން ބޭނުންވާ ވަގުތުތަކަށް އިހުތިރާމްކުރެއެވެ. މިފަދަ ރަޙުމަތްތެރިންގެ ފަރާތުން ބޭސް ކެއުމަށް ހަނދާންކޮށްދިނުމާއި، ނަފްސާނީ ގޮތުން މީހާ ބަލިކަށިވާ ވަގުތުތަކުގައި ހިތްވަރު ދިނުން ފަދަ ގިނަގުނަ އެހީތެރިކަން ލިބެއެވެ.

އިޖުތިމާއީ ގުޅުންތައް ވަރުގަދަ މީހުންނަކީ އާންމުގޮތެއްގައި ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ކުޑަ، އަދި ދިގު އުމުރެއްގައި ދުޅަހެޔޮކަންމަތީ ތިބޭ ބައެއް--ފޮޓޯ/އޯލްއަބައުޓްސައިކޮލޮޖީ

ކޮވިޑް-19ގެ ދުވަސްވަރު އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަންނާނުންނަށް އެހީތެރިވުމަށް ހާއްސަ ގްރޫޕެއް ހަދައި، 25 އަށްވުރެ ގިނަ މީހުންނަށް އެކަކު އަނެކަކުގެ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށްފައެވެ.

ރަހުމަތްތެރިކަމުގެ ސައިންސާ ބެހޭގޮތުން ފޮތެއް ލިޔުއްވާފައިވާ ނޫސްވެރިޔާ ލިޑިއާ ޑެންވޯތު ފާހަގަކުރައްވާ ގޮތުގައި، އެކަނިވެރިކަމުގެ ސަބަބުން އިންސާނާގެ ދިފާޢީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެކަނިވެރިވުމުން ހަށިގަނޑުގެ ހުދުލޭގެ ސެލްތަކުގެ މަސައްކަތަށް ބަދަލު އައިސް، ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ދަށަށްދެއެވެ.

އިޖުތިމާއީ ގުޅުންތައް ވަރުގަދަ މީހުންނަކީ އާންމުގޮތެއްގައި ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ކުޑަ، އަދި ދިގު އުމުރެއްގައި ދުޅަހެޔޮކަންމަތީ ތިބޭ ބައެކެވެ. ރަޙުމަތްތެރިންގެ ސަބަބުން ނިދި ރަނގަޅުވުމާއި، ޒަހަމްތައް ފަސޭހަވުން އަވަސްވުމަށް އެހީތެރިވެދޭކަމަށް ދިރާސާތަކުން ދައްކައެވެ.

އޭގެ އިދިކޮޅަށް، ގުޅުންތައް ގޯސްވުމަކީ ދިގު މުއްދަތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ބައެއް ހާލަތްތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުމާއި ކޮލެސްޓްރޯލް މަތިވުމަށްވުރެ ވެސް އިޖުތިމާއީ ގުޅުންތައް ކެނޑުމުން ކުރިމަތިވާ މަރުގެ ނުރައްކާ ބޮޑެވެ.

ކްލެއަމޮންޓް ގްރެޖުއޭޓް ޔުނިވަސިޓީގެ ނަފްސާނީ އިލްމުވެރިޔާ ސައިދާ ހިޝްމަތީ ވިދާޅުވާ ގޮތުގައި، ލޯތްބާއި އަޅާލުން ލިބެނީ އާއިލާގެ މެންބަރެއްގެ ފަރާތުން ކަމުގައިވިޔަސް ނުވަތަ ރަހުމަތްތެރިއެއްގެ ފަރާތުން ކަމުގައިވިޔަސް، އެކަމުން ކުރާ ފައިދާ އެއްވަަރެވެ. ނަމަވެސް، ތާރީހީ ގޮތުން ބަލާއިރު ރަހުމަތްތެރި ކަމުގެ ދައުރަށް ދެވިފައި ވަނީ ވަރަށް ކުޑަ ސަމާލުކަމެކެވެ.

މުޅިއެކު ނުވަދިހަ ހަތް ޤައުމެއްގެ މައުލޫމާތަށް ބިނާކޮށް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވީ މީހުންގެ އުފާވެރިކަމާއި ދުޅަހެޔޮކަމަށް އާއިލީ ގުޅުންތަކަށްވުރެ ވެސް ރަހުމަތްތެރިކަމުގެ އަސަރު ބޮޑެވެ.

ނިއުރޯސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކުރުމުން ސިކުނޑީގެ "ރިވޯޑް" ނިޒާމު ހަރަކާތްތެރިވެ، އުފާވެރިކަން އިހުސާސްކޮށްދޭ--ފޮޓޯ/ބީބީސީ

އުމުރުގެ ތަފާތު މަރުޙަލާތަކުގައި ރަހުމަތްތެރިކަމުގެ މުހިންމުކަން ބަދަލުވަމުންދެއެވެ. ފުރާވަރުގެ ދުވަސްވަރު ރަޙުމަތްތެރި ކަމަކީ އަމިއްލަ ވަންތަކަން ބިނާކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. މެދު އުމުރުގައި މިކަމަށް ދެވޭ ސަމާލުކަން ކުޑަވި ނަމަވެސް، އުމުރުން ދުވަސްވުމުން އަނެއްކާވެސް ރަޙުމަތްތެރިކަމުގެ މުހިންމުކަން އިތުރުވެއެވެ.

ނިއުރޯސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކުރުމުން ސިކުނޑީގެ "ރިވޯޑް" ނިޒާމު ހަރަކާތްތެރިވެ، އުފާވެރިކަން އިހުސާސްކޮށްދެއެވެ. އަދި ގިނަ ރަޙުމަތްތެރިން ގެންގުޅުމަށްވުރެ، ގުޅުންތަކުގެ ފެންވަރު ރަނގަޅުވުން މާ މުހިންމެވެ.

ރަހުމަތްތެރިކަން އާލާކުރުމަކީ މުޅި އުމުރުދުވަހު ކުރަންޖެހޭ މަސައްކަތެކެވެ.

"މެދު އުމުރުގެ މީހުންނަށް ހެދޭ ގޯހަކީ، އުމުރުން 50 ނުވަތަ 60 އަހަރު ވަންދެން ރަޙުމަތްތެރިކަމަށް ސަމާލުކަން ނުދީ މަޑުކުރުން،" ޑެންވޯތު ވިދާޅުވިއެވެ.

މިހާރު ބައެއް ޑޮކްޓަރުން ވަނީ "ސޯޝަލް ޕްރިސްކްރައިބިން" ނުވަތަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ބަލިމީހުންނަށް އިރުޝާދު ދޭން ފަށާފައެވެ. މީގެ ސަބަބުން ބައެއް މީހުން ނަފްސާނީ ބަލިތަކަށް ކާ ބޭސްތައް ހުއްޓާލުމާ ހަމައަށް ވެސް ކަންތައް ގޮސްފައިވެއެވެ.

ރަހުމަތްތެރިކަމަކީ އެއަށް ވަގުތާއި ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެއީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އޭގެ ސަބަބުން ލިބޭ ސިއްހީ އަދި ނަފްސާނީ ފައިދާތައް މާ ބޮޑުކަމަށް އެކި ދިރާސާތަކުން ފެންނަން ފަށާއިރު މިއީ މިފަހަކަށް އައިސް ގިނަބަޔަު ގަބޫލުކުރާ ހަގީގަތެކެވެ.