އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑައިލީ ހަމައެކަނި ރާއްޖެއަށް ޚާއްސަކޮށްގެން ނޫން ކަމަށާއި އެއީ އެ ގައުމަށް ކަނޑުމަސް އެތެރެކުރާ ހުރިހާ ގައުމަކަށް އަމާޒުކޮށް ނިންމި ނިންމުމެއްކަން އެނގިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ ބިޒްނަސް އެންޑް ޓްރޭޑުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ވަކި ގައުމަކަށް އެކަނި ދިން އިނާޔަތެއް ނޫން ކަމަށާއި، ކަނޑުމަސް އެތެރެކުރާ ހުރިހާ ގައުމުތަކަށް އަމާޒުކޮށް ނިންމި ނިންމުމެއްކަން ވަނީ ހާމަވެފައެވެ.

އިނގިރޭސި ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ، އެ ގައުމުގެ އާއިލާތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އަމަލުކުރަން ފަށާ މި ނިންމުމުގެ ދަށުން ކަނޑުމަހުގެ އިތުރުން ބައެއް ކަހަލަ މޭވާއާއި، މޭވާ ޖޫސް، ޕާސްތާ އަދި ކޫސްކޫސް ފަދަ ކާބޯތަކެތީގެ ބާވަތްތަކުން ވެސް ޓެރިފް ކަނޑާލާނެއެވެ.

މި ލުއިތައް 31 ޑިސެމްބަރު 2028 ގެ ނިޔަލަށް ދެމިއޮންނާނެއެވެ.

މި ބަދަލާއެކު ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ މިއީ މި ސަރުކާރުން ކުރި މަޝްވަރާއަކުން ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ.

މި ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ އެކްސްގައި ވިދާޅުވީ، ޓެރިފް ކަނޑާލީ ހުރިހާ ގައުމަކަށް ނަމަވެސް، މީގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ރާއްޖެއަށް ކަމަށެވެ.

ސަފީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގެ އުސޫލުތަކުގެ ދަށުން ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ވާތީ، މީގެ ކުރިން ރާއްޖޭގެ މަހުން 20 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގަމުންދިޔައެވެ.

މި ސަބަބާ ހުރެ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަހުގެ ވާދަވެރިކަން ކުޑަވެފައި އޮތް ނަމަވެސް، ޓެރިފް ސުމަކަށް ތިރިކުރުމުން އެ ހުރަސް މިހާރު ވަނީ ނެތިގޮސްފައެވެ.

"ވަކި ގައުމަކަށް އެކަނި ޓެރިފް ކަނޑާނުލީ ޑަބްލިއުޓީއޯގެ ގަވާއިދުތައް ހުއްދަ ނުކުރާތީ،" ސަފީރު ވިދާޅުވިއެވެ.

އިނގިރޭސީންނަކީ ރާއްޖޭގެ ކަނޑުމަހަށް ވަރަށް ބޮޑު ލޯތްބެއް އޮންނަ ބައެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ބޮޑު ޓެރިފަކާއެކު ވެސް އަހަރަކު ގާތްގަނޑަކަށް 17 މިލިއަން ޕައުންޑުގެ މަސް ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަމަށެވެ.

އަދި މި ގެނެވުނު ބަދަލަކީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލުގެ ކުރިން އިކުއެޑޯ، މޮރިޝަސް، ސީޝެލްސް ފަދަ ގައުމުތަކުން އިނގިރޭސިވިލާތާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން އެ ގައުމުތަކުގެ މަސް އެތެރެކުރަނީ އެއްވެސް ޑިއުޓީއަކާ ނުލައެވެ.

ނަމަވެސް، މިހާރު ރާއްޖޭގެ މަހަށް ވެސް އެ ފުރުސަތު ހުޅުވި، އެހެން ގައުމުތަކާ އެއްވަރަކަށް އިނގިރޭސި ބާޒާރުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ފަހިވެފައެވެ.