އެއާޕޯޓު އޮޕަރޭޓް ކުރާ ޖީއެމްއާރުން އެއާޕޯޓުގައި މުދާ ކްލިއާ ގްރޫޕުތަކުގެ އަތުން އަންނަ މަހުން ފެށިގެން ފީއެއް ނަގާތީ މުދާ ކްލެއާ ކޮށްދޭ އަގު އަންނަ މަހުގެ އެކަކުން ފެށިގެން ބޮޑުކުރަން އެ ކުންފުނިތަކުން ނިންމައިފި އެވެ.

އަގު ބޮޑު ކުރާނެ ކަން އަންގާ މި ހަފުތާއިން ފެށިގެން އެ ކުންފިނިތަކުން ކަސްޓަމަރުންނަށް ފޮނުވަމުންދާ ނޯޓިސްގައި ބުނަނީ އަންނަ މަހު އެކަކުން ފެށިގެން މުދާ ކްލިއާ ކުރުމަށް ކިލޯއަކަށް ނަގާނީ ރުފިޔާއެއް ކަމަށެވެ. މީގެ ކުރިން ކިލޯއަކަށް ނަގަމުން އައީ 50ލ. އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ކޮންސެޝަންފީ އެއްގެ ގޮތުގައި އެ ގުރޫޕުތަކުގެ އަތުން ނަގަން ނިންމާ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ އެ ގުރޫޕުތަކުން ކްލިއާ ކުރާ ކޮންމެ ކިލޯއަކުން 50ލ. ފީއެއް ޖީއެމްއާރަށް ދިނުމަށެވެ.

އެއާޕޯޓްސް ކޮމްޕެނީގެ ދުވަސްވަރު ވެސް އަދި މިހާތަނަށް ޖީއެމްއާރުން އެއާޕޯޓު ހިންގަމުން އައިއިރު ވެސް އެ ގުރޫޕުތަކުގެ އަތުން ފީއެއް ނަގާފައެއްނުވެ އެވެ. އަދި އަންނަ މަހު އެކަކުން ފެށިގެން އެ ގުރޫޕުތަކުގައި މަސައްކަތްކުރާ މުދާ ކްލިއާ ކުރާ މީހުންވެސް ޖީއެމްއާރުގެ މުވައްޒިފުންނަށް ބަދަލުކުރުމަށް ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި ގުރޫޕުތަކުގެ ބަހެއް މިއަދު ވަނީ ލިބޭގޮތްނުވެފަ އެވެ. އަދި ޖީއެމްއާރުގެ ބަހެއްވެސް އެ މައްސަލަގައި މިއަދު ލިބޭ ގޮތެއްނުވި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއާޕޯޓުގައި މުދާ ކުލެއާ ކުރާ ގްރޫޕުތަކުން 15 ޓަނާއި 20 ޓަނުގެ މުދާ ކުލެއާ ކުރެ އެވެ.