ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ހިންގި ސާޗް އޮޕަރޭޝަނުގެ ތެރޭގައި، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވި ހާދިސާގައި ޕްރޮޓޮކޯލްތައް ތަންފީޒުކުރެވުނުތޯ ޑިފެންސް މިނިސްޓަރާ ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

މަހުދީގެ މަރުގެ މައްސަލައާއި ގުޅިގެން ކުޑޫ ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާ ސުވާލުކުރުމަށް ހުށަހަޅުއްވައިފައެވެ.

ކުޑޫ ވަނީ ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލުދެރަވެ، ނިޔާވި ސިފައިންގެ އޮފިސަރުގެ މައްސަލައިގައި އެފަދަކަންކަން ކުރުމަށް ސިފައިންގެ އޮންނަ ޕްރޮޓޮކޯލްތަކަށް އަމަލުކޮށްފައިވޭތޯއާއި އެ ޕްރޮޓޮކޯލްތަކަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.

އަދި އެފަދަ މައްރުތައް ބެލުމުގައި ސިފައިންގެ އިންޓާނަލް ޕްރޮޓޮކޯލެއްް އޮވޭތޯއާއި އެ މަރުހަލާރަކަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ހިންގި އޮޕަރޭޝަނުގައި ހާލުދެރަވެ މަހުދީ މަރުވީ މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހެވެ.

ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އެ ދުވަހުގެ މެންދުރުފަހު 15:00 ހާއިރުގައެވެ.

ފުލުހުން މިއަދު ވަނީ މަހުދީ މަރުވި ހާދިސާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިޓަލީގެ ފަތުރުވެރިން ހޯދުމަށް މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ. ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުދީ މައްޗަށް ނޭރުމުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މަހުދީ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައެވެ.

އެއާއެކު މެންދުރުފަހުގެ ވަގުތެއްގައި މަހުދީ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭން ފެށި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އޭނާ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ އިޢުލާންކޮށްފައެވެ.