ނިމިދިޔަ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި، ނަހުލާ އަލީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހޯއްދެވި މިލިއަނެއްހާ ރުފިޔާގެ ލޯނުގެ މައްސަލަ، ކޯޓުން ބޭރުގައި ހައްލު ކުރަން ނިންމައިފިއެވެ.

ނިމިދިޔަ ކައުންސިލްގައި ވިލިމާލޭ މެންބަރުކަން ކުރައްވައި، އަދި ނިމިދިޔަ އިންތިހާބަގުއައި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރެއްވި ނަހުލާގެ މި ލޯނަކީ 990،800 ރުފިޔާގެ ލޯނެއް ކަމަށް، ސިވިލް ކޯޓުން މި މައްސަލަ ނިންމި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުއެވެ.

މި ދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި މި މައްސަލަ އެ ކޯޓުން ނިންމީ ބުދަ ދުވަހުއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ނަހުލާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާ ދެމެދު ވާހަކަ ދެކެވި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަންގާފައިވާތީ މައްސަލަ މައްސަލަ އަނބުރާ ފޮނުވާލައިގެންނެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ލޯނަށް، ނަހުލާ، ގާތްގަނޑަކަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހި ނުދައްކައި އެބައޮތެވެ.

ނަހުލާއަކީ ސިޔާސީ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަހުލާ މިހާރު މަސައްކަތް ކުރައްވަނީ ރައީސް ނަޝީދުގެ އަރިހުގައެވެ.

ކުރިން އޭނާވަނީ ޑީއާރުޕީ އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވައިފައެވެ.

އިންތިހާބުގައި ނަހުލާ އެންމެ ފަހުން ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާ ގުޅޭ ގޮތުން އޮންނަނީ، އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައި ނުވުން" ޝަރުތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.