ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަމްޕުތައް އެމްއެންޑީއެފްއާ މިއަދު ހަވާލުކޮށްފިއެވެ.

މި ޕަމްފުތައް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްއެންޑީއެފްއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވާ ފަޔާފައިޓިން ޕަމްޕާއި އިކުއިޕްމަންޓް ހަވާލުކޮށްފައިވާކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެ ޕަމްޕުތައް ހަވާލުކޮށްފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށެވެ.

މީގެ ކުރިންވެސް ޖަޕާނުން ވަނީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރަން ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް 79 މިލިއަން ރުފިޔާ (800 މިލިއަން ޔެން)ގެ ޒަމާނީ އާލާތްތައް ހަދިޔާކޮށްފައެވެ.

ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.