ތަފާސް ހިސާބާބެހޭ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދު ދަށުން ދައުލަތުގެ މުއައްސަސާތަކުން ތަފާސާހިސާބު އާންމު ނުކޮށްފިނަމަ އެތަންތަނަށް ވަދެ، ތަފާސްހިސާބު ހޯދުމުގެ ބާރު ފިނޭންސް މިނިސްޓްރީގެ ޕްލޭނިން ޑިޕާޓްމަންޓަށް ލިބިދޭ ގޮތަށް ގަވާއިދެއް އުކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދު ހަދަން ފެށި ގަވާއިދަކީ ރާއްޖޭގެ އިޖުތިމާއީ، އުމްރާނީ އަދި މާލީ ހާލަތުގެ ހިސާބުތައް ހޯދައި ބައިނަލް އަގުވާމީ މިންގަޑަށް ފެތޭ ގޮތަށް ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް ބާރު އަޅާ ގަވާއިދެކެވެ. އެ ގަވާއިދުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކަށާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަފާސް ހިސާބު އެކުލަވައިލައި ތައްޔާރު ކުރަމުންދާންވާނެ އެވެ. އަދި އެ ތަފާސްހިސާބަކީ ރާއްޖޭގެ ތަރައްގީއާއި ފަގީރުކަމާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ދެވޭ ސައްހަ މައުލޫމާތަކަށް ވާނެ ޖެހޭނެ އެވެ.

ތަފާސްހިސާބާ ބެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކޮމެޓީގައި ކުރިއަށް ދިޔައިރު، މެންބަރުން އެންމެ ބޮޑަށް ހިޔާލު ތަފާތުވީ ތަފާސްހިސާބު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކަށް ވަނުމުގެ ބާރު ޕްލޭނިންއަށް ޑިޕާޓްމަންޓަށް ދިނުމަށް ގަވާއިދުގެ ޑްރާފްޓުގައި ބުނެފައިވާތީ އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ތަފާސްހިސާބުތައް ހޯދުމަށް އެތަންތަނަށް ވަނުމުގެ ބާރު ތަފާސްހިސާބާ ބެހޭ އޮފީހަށް ދީފިނަމަ އެއީ މުއައްސަސާތަކުގެ މަސައްކަތުގެ ދާއިރާގެ ތެރެއަށް ވަނުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. އަދި ގަވާއިދުގައި އެ ގޮތަށް ކަނޑައަޅައިފިނަމަ އޭގެ ސަބަބުން މުއައްސަސާތަކުގެ މަސައްކަތަށް އޭގެ އަސަރުކޮށްފާނެ ކަމަށެވެ.

ޝަރީފުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ތަފާސްހިސާބު ހޯދުމަށް މުއައްސަސާތަކަށް ވަނުމުގެ ބާރު ތަފާސްހިސާބާ ބެހޭ އޮފީހަށް ދިނުމުން އެ މައުލޫމާތުގެ ސައްހަ ކަމާމެދު ސުވާލެއް ނުއުފެދޭނެ ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެދި ސަރުކާރު ތަކުގައި ތަފާސްހިސާބުތައް އެކުލަވާލުމުގައި ހާލަތަކަށް ބަލައި ވަކި ފަރާތަކަށް ބުރަވެގެން ސަރުކާރުގެ އެކި މުއައްސަސާތަކުން އުކުލަވާލައިފައިވީ ނަމަވެސް އެ ގަވާއިދުގެ ދަށުން ވަކި އޮފީހަކަށް އެ ބާރު ދީފިނަމަ ޕްރޮފެޝަނަލީ މަސައްކަތުގައި އެ އޮފީހެއް މިނިވަން ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ބަހުސް ކުރުމަށްފަހު މެންބަރުން ނިންމެވީ ތަފާސްހިސާބު ހޯދުމަށް އޮފީހަކަށް ވަންނަންޖެހިއްޖެ ހާލަތެއްގައި ތަފާސް ހިސާބާ ބަލަހައްޓައި އެކުލަވާލާ ޕްލޭނިން ޑިޕާޓްމަންޓަށް އެ ބާރު ދިނުމަށް ގަވާއިދު އެކުލަވައިލުމަށެވެ.

ތަފާސްހިސާބާ ބެހޭ ގަވާއިދެއް އުކުލަވާލުމަށް އެދި ފިނޭންސް މިނިސްޓްރީގެ ޕްލޭނިން ޑިޕާޓްމަންޓުން މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. މިއަދު އެ ގަވާއިދު ހެދުމުގެ މަސައްކަތް ފެށާފައިވާއިރު، ޕްލޭނިން ޑިޕާޓްމަންޓުން މަޖިލީހުގައި އެދިފައި ވަނީ އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށެވެ.