ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރު ހިމެނޭހެން، ދިހަ ގައުމަކާ އެކީ ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއާ ނިންމައިލައި، ރާއްޖޭން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ މާރިޗު މަހުގެ ދިހަވަނަ ދުވަހުން ފެށިގެން މި މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަން ހިންގާފައިވަނީ ސިންގަޕޫރާއި ހޮންކޮންގާއި ދެކުނު ކޮރެއާއާއި މެލޭޝިއާއާއި ތައިލޭންޑާއި މަކާއުގެ އިތުރުން އިންޑޮނީޝިއާއާއި ބުރުނާއީއާއި ކެނެޑާއާ ގުޅިގެން ކަމަށެވެ.

ދެ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިހަ ގައުމުން 13 އަހަރާއި 85 އަހަރާ ދެމެދުގެ 3،018 މީހަކު ހައްޔަރުކޮށް، ސްކޭމްގެ 138،000 މައްސަލައަކާ ގުޅުންހުރި 7،553 މީހެއްގެ މައްޗަށް ތަހުގީގު ހިންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގެ ދަށުން 102،000އެއްހާ ބޭންކް އެކައުންޓުތައް ހިފަހައްޓައި، 161 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މި މުއްދަތުގައި ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން 41 އޮފިސަރަކު ރާއްޖޭގައި ރިޕޯޓުކުރި ސްކޭމްގެ 349 މައްސަލައެއް ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 4.02 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން 490 ފިރިހެނަކާއި 84 އަންހެނަކާ ސުވާލުކޮށް، 19 އަހަރާއި 48 އަހަރާ ދެމެދުގެ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން އެންމެ ގިނައިން ފާހަގަވީ އީކޮމާސްއާއި ކަރަންސީ އެކްސްޗޭންޖާއި ފިޝިންގެ އިތުރުން އިންވެސްޓްމެންޓްތަކުގެ ނަމުގައި ކޮށްފައި ހުރި ސްކޭމްތައް ކަމަށް، ފުލުހުން ބުންޏެވެ.

ފްރޮންޓިއާ+ އިއްތިހާދަކީ ރާއްޖެއާއި ސިންގަޕޫރާއި މެލޭޝިއާއާއި ތައިލޭންޑާއި ދެކުނު ކޮރެއާއާއި ހޮންކޮން ގުޅިގެން 2024ވަނަ އަހަރު، ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދުގައި މިހާރު 14 ގައުމެއް ހިމެނެއެވެ.