ހުޅުމާލޭގެ އާބާދީ އާއި ތަރައްގީއާ ގުޅޭ ގޮތުން މަޖިލީހުން އިސްލާހުކޮށްފައިވާ ގަވާއިދަކާމެދު ހައުސިން މިނިސްޓްރީން ކަންބޮޑުވާތީ، ގަވާއިދު ކޮމެޓީއާ މާދަމާ މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ޗުއްޓީތެރޭގައި މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމަށް އެޖެންޑާ ކުރި މައްސަލައިގައި ބަހުސް ކުރުމަށްފަހު މެންބަރުން ނިންމެވީ މަދަމާ 11:00 ގައިވައިދު ކޮމެޓީއަށް ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންކޮޅެއް ހާޒިރު ކުރުމަށެވެ. އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރަނީ މި އަހަރުގެ ޖުލައި މަހު މަޖިލީހަށް ފޮނުއްވެވި ދެ ސިޓީއަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ.

ހައުސިން މިނިސްޓްރީން ގައިވާއިދު ކޮމެޓީއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ހުޅުމާލޭގެ ތަރައްގީ އާއި އާބާދީއާ ގުޅުންހުރި ގަވާއިދެއް މަޖިލީހުގެ ކޮމެޓީން އިސްލާހު ކުރިއިރު، ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެކަމާ ބެހޭ ގޮތުން ކޮމެޓީއާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އަދި ގަވާއިދު އޮތް ގޮތުން ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނާނެ ކަމަށް މިނިސްޓްރީއަށް ބެލެވޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މިއަދުގެ ކޮމެޓީގައި ހައުސިން މިނިސްޓްރީން ކޮމެޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގަވައިދުގައި ކަންބޮޑުވާ ކަންތައްތަކުގެ ތަފްސީލެއް ކޮމެޓީގައި އިއްވާފައެއް ނުވެ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަދި ކޮމެޓީގެ މުގައްރިރު އަޙްމަދު މުޙައްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަނާއި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުންނެވީ ސަލާމުގައި ކަމަށް ވުމުން އޭނާ މިއަދު ކޮމެޓިއަށް ވަޑައެއް ނުގަންނަވަ އެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ކޮމިޓީއަށް ވަޑައެއް ނުގަންނަވަ އެވެ.