ވަޒީފާ ނެތް ޒުވާނުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނުދީ ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އިސް ނެންގެވުމާއެކު ފެށި ތަމްރީނު ޕްރޮގްރާމަކީ ހިއުމަން ރިސޯސަސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެޑިއުކޭޝަނާއި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

ސްކިލްސް ޓްރެއިނިން އެޓް ރިސޯޓް އެޕަރެންޓިސް ނުވަތަ ސްޓާ ގެ ނަމުގައި ފަށާ ތަމްރީނު ޕްރޮގްރާމާބެހޭ ގޮތުން ހިއުމަން ރިސޯސަސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވީ ޕްރޮގްރާމްގެ ބައިވެރިން ތަމްރީނު ހަދަން ރިސޯޓްތަކުގައި ބައިތިއްބައި އެ ފަރާތްތަކަށް ޕޮކެޓްމަނީއެއް ދޭން މަސައްކަތް ކުރާ ކަމަށެވެ.

ހުނަރު ގެ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއެކު ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޕްރޮގްރާމް ފަށާނެ ކަމަށާއި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށްދޭ ސެޓްފިކެޓަކީ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލު ކުރާ ސެޓްފިކެޓެއް ކަމަށެވެ.

"މި ކޯސް ފުރިހަމަ ކުރާ ކުދިން ނަށް ދެވޭ ސެޓްފިކެޓަކީ 'ޓިވެޓް ސެޓްފިކެޓް ލެވެލް ތްރީ' ގެ ސެޓްފިކެޓެއް، އެއީ އޯލެވެލް ފެންވަރުގެ ސެޓްފިކެޓެއް، އެހެންވީމަ އެއް އަހަރު ނުވަތަ ނުވަ މަސް ތެރޭގަ އެ ކުއްޖަކު ހުނަރުގެ ގޮތުން އެ ފެންވަރަށް ދާނެ،" ރިފާއު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ރިސޯޓް ތަކަށް ފޮނުވާނީ ޖާގަ ލިބޭ ވަރަކުން ގްރޫޕް ތަކަކަށް ބަހާލައިގެނެވެ.