ޞާލިޙްގެ ސަރުކާރުން ބިން ބެހިގޮތުން ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ހާސިލެއް ނުވޭ: އޮޑިޓް
ޞާލިޙްގެ ސަރުކާރުން ބިން ބެހިގޮތުން ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ހާސިލެއް ނުވޭ: އޮޑިޓް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބިންތައް ދޫކުރި ގޮތުން، ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ހާސިލުނުވާ ކަމަށް އޮޑިޓު ރިޕޯޓެއްގައި ބުނެފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ވަނީ ޞާލިހުގެ ސަރުކާރުގައި ގިނަ އަދަދެއްގެ ގޯތިތައް ދޫކޮށްފައެވެ. އެކަން ކޮށްފައިވަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރެވެއެވެ.

އެހާ އަގުބޮޑު ބިންތަކަކުން ހިލޭ ގޯތި ދޫކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތައް ހިމެނޭ އޮޑިޓެއް އާންމުކޮށްފައެވެ. އެ އޮޑިޓުގައި ބުނި ގޮތުގައި، ބިންވެރިޔާ ސްކީމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަޝްރޫއެއް ނަމަވެސް އެ މަގުސަދު ސްކީމުން ހާސިލެއް ނުވެއެވެ.

ކުރީގެ ރައީސް ޞާލިހާއި އެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް --- ފޮޓޯ/ ރައީސް އޮފީސް

މި ގޮތުން، ބިންވެރިޔާ ސްކީމު ތަންފީޒުކުރުމުގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، އިސްކަންދޭ އުސޫލެއް ގެންގުޅެފައިނުވާ ކަމަށް އެ އޮޑިޓުގައި ފާހަގަކުރިއެވެ. ބޯހިޔާވަހިކަމުގެ ބާޒާރަށް އަންނަ ބަދަލުތަކާއި ޑިމާންޑު ވެސް އެކަށީގެންވާ މިންވަރަށް ވެސް އެ ސަރުކާރުގައި ދިރާސާކޮށްފައެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ބޮޑު ޚަރަދެއްކޮށްގެން އޭރު ސަރުކާރުން ހިންގި މި މަޝްރޫއުގެ ދަށުން ގޯތި ދޫކުރުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މާލޭގައި ރަޖިސްޓްރީވެފައި ވުމާއި އަމިއްލަ ނަމުގައި ބިމެއް ނެތުމުގެ އިތުރަށް 18 އަހަރު ފުރިފައިވުމެވެ. އެކަމަކު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އަސާސީ މަގުސަދަކީ، ގެދޮރު ހޯދުމަށް 'ނުކުޅެދޭ' މީހުންނަށް ސަރުކާރުން އެހީތެރިކަން ދިނުންކަން އޮޑިޓުގައި ފާހަގަކުރިއެވެ.

"ބޭނުންޖެހިފައިވާ މިންވަރު ވަޒަން ކުރުމެއް ނެތި މިފަދަ އަގުބޮޑު ބިންތަކެއް ހަމައެކަނި މާލޭގެ ރަޖިސްޓްރީގައިވާ މީހުންނަށް ހަނިކޮށްފައި އޮތުމުން މާލެ ސަރަހައްދުގައި އުޅޭ އިޖުތިމާއީ ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންޖެހިފައިވާ އެތައް އާއިލާއެއް މި ފުރުސަތުން މަހުރޫމުވި" އޮޑިޓުގައި ބުނެފައިވެއެވެ.

އެހެންވެ، ބިންވެރިޔާ ސްކީމަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ހަގީގީ މަގުސަދު ހާސިލުވާ ސްކީމެއް ނޫންކަމަށް އޮޑިޓުގައި ވަނީ ކަނޑައަޅާފައެވެ.

އޮޑިޓުގައި އެފަދައިން ބުނިއިރު، ބޮޑު އާބާދީއެއް މާލެ ސަރަހައްދުގައި ދިރިއުޅެއެވެ. އެކި ބޭނުންތައް ފުއްދުމަށް މި ސަރަހައްދަށް ހިޖުރަ ކުރާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނައިރު، ގިނަ ބަޔަކު އުޅެން ޖެހެނީ ބޮޑު ކުލި ދައްކައިގެނެވެ.

ހިލޭ ގޯތިތައް ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ހިސާބުތަކުން ދައްކައެވެ.