އެބޯލާ ބަލި ފެތުރުމާ ގުޅިގެން އަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކުން އިސްތިސްނާކޮށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގެ ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕްގައި ބައިވެރިވުމަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެކެވެ.

އެމެރިކާއިން މިހާރު ވަނީ ވޭތުވެދިޔަ 21 ދުވަހު ޑީއާރުސީ، ޔުގެންޑާ ނުވަތަ ސައުތު ސޫދާނުގައި އުޅެފައިވާ އެމެރިކާގެ ރައްޔިތުން ނޫން މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ ޑީއާރުސީގެ ޓީމަށް ވޯލްޑް ކަޕްގައި ބައިވެރިވުމަށް މަގުފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ވޯލްޑް ކަޕަށް ކޮލިފައިވި މި ތިން ގައުމުގެ ތެރެއިން ހަމައެކަނި ގައުމު ކަމަށްވާ ޑީއާރުސީގެ ޓީމު މިހާރުވެސް ތަމްރީނު ހަދަމުންދަނީ ޔޫރަޕުގައެވެ. އެހެންކަމުން، އެމީހުން ދަތުރުގެ ފިޔަވަޅުތަކުގެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެ ޓީމުގެ މެންބަރުން ވޭތުވެދިޔަ 21 ދުވަހު ޑީއާރުސީގައި އުޅެފައިވާނަމަ، އެމެރިކާގެ ރައްޔިތުންނެކޭ އެއްފަދައިން ސްކްރީނިންގް މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެމެރިކާގެ ރައްޔިތުންނާއި ދާއިމީ ރެސިޑެންޓުން އެނބުރި އަންނައިރު އަމަލުކުރާ އުސޫލުން، އެކަހެރިކޮށްގެން ޓެސްޓުކުރުމުގެ ޕްރޮޓޮކޯލްގެ ދަށުން އެމީހުންނަށް އެތެރެވުމުގެ ހުއްދަ ދިނުމަށް،" ނަން ހާމަނުކުރުމަށް އެދި އޮފިޝަލް ވިދާޅުވިއެވެ.

މި އިސްތިސްނާ ހަމައެކަނި ދިނުމަށް ނިންމާފައިވަނީ ޓީމުގެ މެންބަރުންނަށެވެ. ޓީމަށް ސަޕޯޓުކުރުމަށް ކޮންގޯއިން އަންނަން ބޭނުންވާ އާންމު ސަޕޯޓަރުންނަށް މި ފުރުސަތު ނޯންނާނެ ކަމަށް އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ.

ޑީއާރުސީގެ ވޯލްޑް ކަޕް ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 17 ވަނަ ދުވަހު ޓެކްސަސްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.