ދުނިޔޭގެ އެންމެ މަޝްހޫރު ކެމްޕަސްތައް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި އަޅާ ކެމްޕަސް ލ. އަތޮޅުގައި އެޅުމަށް ނިންމާފައިވާ ކަމަށް ގައުމީ ޔުނިވާ ސިޓީން ބުނެފި އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން އެޅުމަށް ހަމަޖައްސާފައިވާ އެ ކެމްޕަސް އެޅުމަށްޓަކައި ލ. އަތޮޅުގެ ތިން ރަށެއް ޝޯޓްލިސްޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ކެމްޕަސް އަޅާނެ ރަށެއް ފައިނަލް ނުކުރާ ކަމަށެވެ. އެގޮތުން ޝޯޓް ލިސްޓް ކޮށްފައިވާ ރަށްތަކަކީ ލ. އަތޮޅު ފޮނަދޫއާއި ގަމުގެ އިތުރުން ފަޅުރަށެއް ކަމަށްވާ ބަރެސްދޫ އެވެ.

އަދި ބުނީ އެ ކެމްޕަސް ބިނާކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2013 ވަނަ އަހަރު ފަށަން ނިންމާފައިވާއިރު އެ ފިޔަވަހީގެ މަސައްކަތަށް އެކަނިވެސް 20 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކެމްޕަސްގައި ހިމެނެނީ ދަރިވަރުންގެ ހޮސްޓެލްތަކާއި މުވައްޒަފުންގެ ގެތަކެވެ. ކިޔަވައިދޭ ތަންތަނާއި އިދާރީ އޮފީސް ތަކެވެ. ދަނޑުތަކާއި އެހެނިހެން އިލްމީ ތަހްގީގުތަށް ކުރާ ތަންތަނެވެ." ޔުނިވާސިޓީން ބުންޏެވެ.

ކެމްޕަހުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދަރިވަރުނަށް ވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކެމްޕަހަކީ ކުރު މުއްދަތުގެ ދަރިވަރުންގެ އަދަދަށް ބަލައިގެން ބިނާކުރާ ކެމްޕަހެއް ނޫން ކަމަށާއި އެތަން ތަރައްގީކުރަނީ ދުރު މުސްތަގްބަލަށް އަމާޒުކޮށްގެން ކަމަށް ވެސް ބުންޏެވެ.