މެންގޯ ކުންފުނީގެ ވެރިޔާގެ މަރާ ގުޅިގެން ދޮށީ ދަރިފުޅު ހައްޔަރުކޮށްފި
މެންގޯ ކުންފުނީގެ ވެރިޔާގެ މަރާ ގުޅިގެން ދޮށީ ދަރިފުޅު ހައްޔަރުކޮށްފި

ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް "މެންގޯ" ކުންފުނީގެ ބާނީ އިސާކް އަންޑިޗްގެ މަރާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.

އުމުރުން 71 އަހަރުގެ އިސާކް މަރުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ދަރިފުޅާއެކު ބާސެލޯނާ ކައިރީގައި އޮންނަ މޮންސެރާޓް ފަރުބަދަތައް މަތީގައި ހިނގާފައި ދަނިކޮށް ވަޅުގަނޑަކުން ވެއްޓިގެންނެވެ. ހާދިސާ ހިނގިއިރު ތިބީ އެ ދެމީހުން އެކަނިތޯ ނުވަތަ އާއިލާގެ އެހެން މެމްބަރުންނާއެކީގަތޯ ސުވާލު އުފައްދާ އޭރު މީޑިތާއަކުން ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 45 އަހަރުގެ ޖޮނަތަން އެންޑިކް ކެޓަލޯނިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުރަތަމަ އެކްސިޑެންޓެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ފަހުން އަލުން އެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިންނެވެ.

ކެޓަލޯނިއާގެ ތަހުގީގު ކުރާ ފަރާތްތަކުން ފުރަތަމަ މައްސަލަ ބަންދުކުރީ ޖިނާއީ ގޯހެއްގެ އެއްވެސް ހެއްކެއް ނުފެނުމުން 2025 ވަނަ އަހަރުގެ ކުރީކޮޅު ނަމަވެސް އެ އަހަރުގެ ފަހުކޮޅު ޖޮނަތަންގެ ހެކިބަހުގައި ތަފާތުތަކެއް ހުރި ކަމަށް ބުނެ އަލުން މައްސަަލަ ހުޅުވާލި ކަމަށް ލާ ވެންގާޑިއާ ނޫހުން ބުނެއެވެ.

މެންގޯ ކުންފުނީގެ ބާނީ އިސާކް އަންޑިޗް (ވ). އޭނާ ވަނީ 2024 ވަނަ އަހަރު މަރުވެފައި. ފޮޓޯ/ގެޓީ

ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ސުވާލުކުރުމަށް، ބާސެލޯނާ ކައިރީގައިވާ މާރްޓޮރެލްގެ ކޯޓަކަށް ޖޮނަތަން ހާޒިރުކޮށްފައެވެ.

ސްޕޭނުގެ "އެލް ޕާއިސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީސާކް މަރުވިތާ މާގިނަ ދުވަހެއް ނުވެ، ފުލުހުން ވަނީ ޖޮނަތަންގެ ފޯނު އަތުލައިފައެވެ.

ޖޮނަތަން ވަނީ މީގެ ކުރިން އޭނާގެ ބައްޕަގެ މަރުގެ ޒިންމާ ނަގަން އިންކާރުކޮށްފައެވެ.

އާއިލާގެ ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އޭނާގެ ކުށެއް ނެތް ކަމުގެ ޔަގީންކަން އާއިލާއަށް އެބައޮތެވެ.

ދެހާސް ފަސް ވަނަ އަހަރު މެންގޯއާ ގުޅުނު، ޖޮނަތަންއަށް ވަނީ ބައްޕަ މަރުވުމުން ކުންފުނި ބޯޑުގެ ޗެއާމަންގެ ނާއިބުގެ މަގާމަށް އައްޔަންކޮށްފައެވެ.

ތުރުކީގެ އިސްތަންބޫލަށް އުފަން އިސާކް 1984 ވަނަ އަހަރު ބާސެލޯނާގައި އޭނާގެ ބޭބެ ނަހުމާންގެ އެހީތެރިކަމާއެކު މެންގޯ އުފެއްދިއިރު، މިހާރު އެ ޗެއިން އިން 120 ގައުމެއްގައި ގާތްގަނޑަކަށް 3،000 އައުޓްލެޓް ހިންގައެވެ.

ފޯބްސް އިން ލަފާކޮށްފައިވާ ގޮތުގައި އިސާކް މަރުވިއިރު، 4.5 ބިލިއަން ޑޮލަރު (3.6 ބިލިއަން ޕައުންޑް) އޭނާގެ މިލްކިއްޔާތުގައި ހުއްޓެވެ.