20 May 2026, 09:41

އިންޑިއާގެ ޕޫނޭގެ ސިންހަގަޑް ރޯޑް ސަރަހައްދުގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތެއްގެ ލިފްޓެއްގެ ތެރޭގައި ތާށިވެގެން ހަތް އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަރުވި ކުއްޖާއަކީ ޝިވާންޝް ޝައިލެޝް ދޫތު ކިޔާ ކުއްޖެއް ކަމަށާއި މި ހާދިސާ ހިނގާފައިވަނީ ނިމްބަޖިނަގަރުގެ ރިއްދީ ސިއްދީ އެޕާޓްމަންޓުގައި ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގި ރޭ ގާތްގަޑަކަށް 10 ޖެހިއިރު ވެސް ޝިވާންޝް ހުރީ އެ ޔުނިޓްގެ ގޯތިތެރޭގައި ކުޅޭށެވެ. އޭގެ ފަހުން އިމާރާތުގައި ހުރި ލިފްޓަށް ވަދެ ކޮންމެ ވެސް އެއް ބަޓަނަށް ފިއްތިއެވެ. ފުލުހުން ބުނީ، ލިފްޓް ހަރަކާތްތެރިވާން ފެށި ނަމަވެސް ދެވަނަ ފަންގިފިލާއަށް ދިއުމުގެ ކުރިން ހުއްޓި ކުއްޖާ ތާށިވީ ކަމަށެވެ.
ޝިވާންޝް ގެއަށް އެނބުރި ނުގޮސް ގިނައިރުވެގެން އާއިލާ މީހުންނާއި އެ ހިސާބުގެ މީހުން އޭނާ ހޯދަން ފެށީ އެ ހިސާބުންނެވެ. ލިފްޓް ހުއްޓިފައިވާ ކަމަށް އެ މީހުންނަށް ޝައްކު ކުރެވިގެން ފުލުހުންނަށް ރިޕޯޓުކުރީ އެރޭ 11:30 ގައެވެ.

އިންޑިއާގެ ޕޫނޭގައި ލިފްޓެއްގައި ތާށިވެ ހަތް އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި: މައްސަލަ އަންނަނީ ތަހުގީގުކުރަމުން -- ފޮޓޯ/އެންޑީޓީވީ
ފަޔާ ބްރިގޭޑްގެ މުވައްޒަފުންނާއި ސިންހަގަޑް ރޯޑް ޕޮލިސްގެ ޓީމަކުން އެ ތަނަށް ގޮސް ލިފްޓް ހުޅުވި ނަމަވެސް އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
ކުއްޖާ މަރުވި ސީދާ ސަބަބު ނޭނގުނު ނަަމަވެސް ފުލުހުން ޝައްކުކުރާ ގޮތުގައި އެ ކުއްޖާ މަރުވީ ބަންދުކޮށްފައިވާ ތަނެއްގެ ތެރޭގައި ގިނައިރު ތާށިވެފައި ހުންނަން ޖެހުމުންނެވެ.
މިހާތަނަށް ކުރި ތަހުގީގުން ލިފްޓްގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަށް ފެނިފައެއް ނުވެއެވެ.
އެ ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.