ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭނެ ތިން ގޮތެއް
ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭނެ ތިން ގޮތެއް

އަޅުގަނޑުމެންގެ ސިކުނޑި އަކީ އަބަދުވެސް އައު ގޮންޖެހުންތަކަށް ލޯބިކުރާ ގުނަވަނެކެވެ. ނަމަވެސް، ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރާ ކަންކަމަކީ ހަމައެކަނި ބުރަ މަސައްކަތްތަކަކަށް ވާކަށް ނުޖެހެއެވެ. އުމުރުން ދުވަސްވާއިރު ސިކުނޑި ރައްކާތެރިކޮށްދޭނެ، މަޖާ އަދި ފަސޭހަ ތިން ގޮތެއް މާހިރުން މިވަނީ ކިޔައިދީފައެވެ.

ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭނެ ތިން ގޮތެއް
ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭނެ ތިން ގޮތެއް

އާންމުކޮށް ފަސޭހަ ކަމަކާއި އުނދަގޫ ކަމެއް ކުރިމަތިވުމުން އަޅުގަނޑުމެން އިޚްތިޔާރު ކުރަނީ ފަސޭހަ ގޮތެވެ. މިއީ ހަކަތަ ސަލާމަތްކުރުމަށްޓަކައި އިންސާނާގެ ތަބީޢަތުގައި ހުންނަ ކަމެކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މިކަން އިތުރަށް ފަސޭހަވެފައިވާއިރު، ކަންކަން ކުރުމުގައި "ޝޯޓްކަޓް" ނުވަތަ ފަސޭހަ ގޮތްތައް ހޯދުމަކީ ވަރަށް ބޮޑަށް އާދަވެފައިވާ ކަމެކެވެ. ނަމަވެސް، މީގެ ސަބަބުން ފިކުރުކުރުމާއި ސިކުނޑީގެ ބޭނުންކުރުން މަދުވެއްޖެނަމަ، އެއީ އަޅުގަނޑުމެންގެ އުމުރަށާއި ދުޅަހެޔޮކަމަށް ހުރި ނުރައްކަލެކެވެ.

ފޯނުގެ ޖީޕީއެސް ބޭނުންކުރުމުގެ ބަދަލުގައި އަމިއްލައަށް މަގު ހޯދައިގެން ދިއުމަކީ ސިކުނޑީގެ އެ ހުނަރު ތަރައްގީކޮށްދޭނެ ކަމެއް--ފޮޓޯ/ބީބީސީ

ދުނިޔޭގެ ގިނަ ހިސާބުތަކުގައި މީހުން ދުޅަހެޔޮކަންމަތީ ދިރިއުޅޭ އަހަރުތައް ދަނީ މަދުވަމުންނެވެ. އުމުރު ދިގުވި ނަމަވެސް، ބަލިހާލުގައި އުޅެންޖެހޭ މުއްދަތު ދަނީ އިތުރުވަމުންނެވެ. ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ "ކޮގްނިޓިވް ރިޒާވް" އިތުރުކުރުމެވެ. މިއީ ސިކުނޑިއަށް ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުން އުފެދޭ ރައްކާތެރިކަމުގެ ފަށަލައެކެވެ.

އެޑިންބަރާގެ ހެރިއަޓް-ވޮޓް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓް އެލަން ގޯ ފާހަގަކުރައްވާ ގޮތުގައި، ކޮންމެ އުމުރެއްގައި ވެސް ވިސްނުމުގެ ހުނަރު އިތުރުކުރުމަށް ކުދިކުދި ބަދަލުތަކެއް ގެނެވިދާނެއެވެ. މިކަމަށްޓަކައި މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖަހާލާކަށް ނުޖެހެއެވެ. ތިރީގައި މިވަނީ އެކަމަށް އެހީތެރިވެދޭނެ ތިން ކަމެކެވެ.

1. މިސްރާބު ހޯދުމުގެ ހުނަރު

ސިކުނޑީގެ ވަކި ބަޔަކަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަކީ މުސްކުޅިވުމުން ދިމާވާ ހަނދާން ނެތުމުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ސިކުނޑީގައި މަގުތަކާއި މިސްރާބު ހަނދާން ބަހައްޓައިދޭ ބައި ކަމަށްވާ "ހިޕޯކެމްޕަސް" އަކީ އަލްޒައިމާ ބަލީގެ އަސަރު އެންމެ ފުރަތަމަ ކުރާ ބައެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ޓެކްސީ ޑްރައިވަރުން ފަދަ މަގުތައް ހޯދުމަށް ސިކުނޑީގެ ބޭނުން ގިނައިން ކުރާ މީހުންގެ ސިކުނޑީގެ މި ބައި ވަރުގަދަވެފައި، އަލްޒައިމާ ބަލީގައި މަރުވާ މިންވަރު ދަށެވެ. ފޯނުގެ ޖީޕީއެސް ބޭނުންކުރުމުގެ ބަދަލުގައި އަމިއްލައަށް މަގު ހޯދައިގެން ދިއުމަކީ ސިކުނޑީގެ މި ހުނަރު ތަރައްޤީކޮށްދޭނެ ކަމެކެވެ.

އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް އައު ކަންކަން ދަސްކުރުމަކީ ސިކުނޑީގެ ނިއުރޯންތައް އައުކޮށް، ގުޅުންތައް ވަރުގަދަކޮށްދޭ ކަމެއް--ފޮޓޯ/ބީބީސީ

2. އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުން

މީހުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކޮށް އުޅުމަކީ ސިކުނޑި މުސްކުޅިވުމުން ރައްކާތެރިކޮށްދޭ ކަމެއްކަން ގިނަ ދިރާސާތަކުން ސާބިތުވެއެވެ. މެދު އުމުރުގައި އިޖުތިމާޢީ ކަންކަމުގައި އުޅޭ މީހުންނަށް އުމުރުން ދުވަސްވާއިރު ޑިމެންޝިއާ ޖެހުމުގެ ފުރުޞަތު %30 އާއި %50އާ ދެމެދުގެ މިންވަރަކަށް ކުޑަވެއެވެ.

އެހެން މީހުންނާ ވާހަކަދައްކާ، ޚިޔާލު ބަދަލުކުރުމަކީ ނަފްސާނީ ބުރަދަން ކުޑަކޮށްދީ، ސިކުނޑީގެ ހިޕޯކެމްޕަސްގައިވާ ނިއުރޯންތައް ހަލާކުވުމުން ސަލާމަތްކޮށްދޭ ކަމެކެވެ.

3. މުޅި އުމުރުގައި އައު ކަންކަން ދަސްކުރުން

ތަޢުލީމު ހާސިލުކުރުމަށް ގިނަ ދުވަސް ހޭދަކުރާ މީހުންނަށް ޑިމެންޝިއާގެ ނުރައްކާ ކުޑަކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއީ ހަމައެކަނި ސްކޫލް ނުވަތަ ޔުނިވާސިޓީ އުމުރަށް އޮތް ކަމެއް ނޫނެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް އައު ކަންކަން ދަސްކުރުމަކީ ސިކުނޑީގެ ނިއުރޯންތައް އައުކޮށް، ގުޅުންތައް ވަރުގަދަކޮށްދޭ ކަމެކެވެ.

އުމުރުން ދުވަސްވާއިރު ދިރިއުޅުމުގެ އާދަކާދަތައް އެއްގޮތަކަށް ހުންނާތީ، އައު ކަންކަން ދަސްކުރުމުގެ ފުރުޞަތު ކުޑަވެއެވެ. އެހެންކަމުން، ގަސް އިންދުމާއި ބެލެހެއްޓުން، ފޮތް ކިޔުމުގެ ގްރޫޕްތަކުގައި ބައިވެރިވުން ނުވަތަ ކިޔާ ފޮތްތަކާ ބެހޭގޮތުން ރަޙުމަތްތެރިންނާ މަޝްވަރާކުރުން ފަދަ ކަންކަމަކީ ސިކުނޑި ހަކަތަވެރިކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ސިކުނޑިއަށް ބާރުލާ ކޮންމެ މަސައްކަތަކީ، އެއީ ހިނގާލަންދާ މަގު ބަދަލުކޮށްލުން ކަމުގައި ވިޔަސް، ސިކުނޑީގެ ދުޅަހެޔޮކަމަށް ފައިދާހުރި ކަމެކެވެ. މިއީ ހަމައެކަނި ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއް ނޫނެވެ. މިއީ ދިރިއުޅުން އިތުރަށް އުފާވެރިކޮށްދޭނެ ކަމެއްވެސް މެއެވެ.