އެމްއައިބީ އޭޖީއެމް ބާއްވައިފި، ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ފާސްކުރި
އެމްއައިބީ އޭޖީއެމް ބާއްވައިފި، ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ފާސްކުރި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، ޑިވިޑެންޑުގެ ގޮތުގައި 5.41 ރުފިޔާ ދޭން ފާސްކޮށްފިއެވެ.

އެމްއައިބީއިން ޑިވިޑެންޑްގެ ގޮތުގައި ފާސްކޮށްފައި ވަނީ 5.41 ރުފިޔާއެވެ. އެއީ ޖުމްލަ 129.6 މިލިއަން ދިވެހި ރުފިޔާއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީން ތައްޔާރުކޮށްފައިވާ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

އެއީ އެމްއައިބީގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރު ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީގެ އޭޖީއެމްގެ ތެރެއިން: ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ވަނީ ފާސްކޮށްފައި --- ފޮޓޯ/ އެމްއައިބީ

އެ ޖަލްސާގައި ނިމުނު އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް، ވޯޓުގެ 100 އިންސައްތަ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިމުނު އަހަރަށް، ކޮންމެ އާދައިގެ ހިއްސާއަކަށް ހުށަހެޅި 5.41 ރުފިޔާ ޑިވިޑެންޑް ބެހުމަށް 99.99 އިންސައްތަ ވޯޓުން ފާސްކޮށްފައެވެ.

އަދި މި އަހަރު ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް އައްޔަންކުރުމަށް 99.95 އިންސައްތަ މީހުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

އެ ބޭންކުން ބުނީ 2025 ވަނަ އަހަރު އެ ބޭންކުގެ ޖުމްލަ އެސެޓު، އެއް ބިލިޔަން އެމެރިކާ ޑޮލަރުން މައްޗަށް އަރުވައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.