ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށެވެ.

އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.