މާލޭގެ ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނިސްބަތް، އިންފުލޭޝަން ރޭޓް މިދިޔަ މަހު 15.04 ޕަސެންޓަށް އަރައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން އާންމުންކޮށްފައިވާ އިންފްލޭޝަން ބަލާ މިންގަޑު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ގެ އޮގަސްޓް މަހުގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 15.04 އަކަށް މައްޗަށް ޖެހިފަ އެވެ. އެއީ 11.61 ޕަސެންޓްގެ އިތުރުވުމެކެވެ. ޖުލައި މަހު މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 14.94ގަ އެވެ. އިންފުލޭޝަން އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ މަހުގެ ބައިތަކުންނާއި ދުންފަތާއި ހޮޓާ ކެފޭ އަދި ރެސްޓޯރަންޓުގެ އަގުތައް މައްޗަށް ދިޔުމުންނެވެ.

އަދި އަންނައުނުގެ ބައިގެ އަގުތައްވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އެންމެ ބޮޑަށް އަގުތައް މައްޗަށް ދިޔަ ދުންފަތުގެ ބައިން އިންފްލޭޝަން ވަނީ 71 ޕަސެންޓަށް އުފުލިފަ އެވެ. އަދި މަހުގެ ބައިން 68 ޕަސެންޓަށް އިންފުލޭޝަން އުފުލުނެވެ. ހޮޓާ ރެސްޓޯރަންޓް އަދި ކެފޭތަކުގެ ބައިން 32 ޕަސެންޓް އަގުތައް އުފުލުނެވެ.

މިއަހަރު ފެށުނީއިރު އިންފްލޭޝަން ހުރީ 12.25 ޕަސެންޓްގަ އެވެ. އިންފްލޭޝަން މައްޗަށް ގޮސް މިހާރު މިހިރަ ވަރަށް އަނެއްކާވެސް އިންފްލޭޝަންގެ މިންގަނޑު މައްޗަށް ޖެހުނީ އެޕްރީލް މަހުން ފެށިގެންނެވެ. ނަމަވެސް މޭ މަހާއި ޖުލައި މަހުގެ ތެރޭ ކޮންމެވެސް ވަރަކަށް އިންފުލޭޝަން ދައްވެސްވި އެވެ.

އެއީ ޖެނުއަރީ މަހު ގިނަ ބާވަތްތަކެއްގެ ޑިއުޓީ މާފުކުރުމާއި ގުޅިގެންނެވެ. ނަމަވެސް އެ ބަދަލު ނަތީޖާ މާބޮޑަށް ފެންނަ ގޮތެއް ނުވި އެވެ. އާންމުކޮށް ތަކެތީގެ އަގުތައް މައްޗަށް ދަނީ ޑޮލަރުގެ އަގަށް އަންނަބަދަލާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިޔުމުންނެވެ.