19 May 2026, 12:36
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރިކަމުގެ ކުށް ސާބިތުވި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލައިފިއެވެ.
ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވެ ޖަލަށްލީ، އުމުރުން 43 އަހަރުގެ ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީއެވެ. އޭނާގެ މައްޗަށް ހުކުމްކުރީ އިއްޔެއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅީ މާރިޗު 4، 2022ވަނަ ދުވަހެވެ. އަދި އަޙްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ އެއަހަރުގެ އޭޕްރިލް މަހުގެ 11ވަނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑައިމޯފިނާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމުން ނ. ވެލިދުއަށް ނިސްބަތްވާ ދެ މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ވަނީ އަމަލުކުރަން ފަށައިފައެވެ.