17 Sep 2012, 12:47
ފަހަތުން އަރައި ނޭޕާލް އަތުން 3- 1 އިން މޮޅުވެ އަންހެނުންގެ ދެ ވަނަ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ސަރަހައްދުގެ އެންމެ ބޮޑު ގައުމު އިންޑިޔާއިން ކާމިޔާބު ކޮށްފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ސީއާރްއެންޑްއެފްސީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ނޭޕާލް ކޮޅަށް އިންޑިޔާއިން ޖެހި އެޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ސުޕްރިޔާ ރޫޓްރޭ އާއި ބެމްބެމް ދޭވީ އަދި ކަމާލާ ދޭވީ އެވެ.
މެޗުގައި އިންޑިޔާ ކޮޅަށް ނޭޕާލުން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ޑީޕާ އަދިކެރީ އެވެ.
މިފަހަރުގެ މުބާރާތުގައި އިންޑިޔާ ކުޅުނު ހުރީ މެޗެއް ވެސް ކާމިޔާބު ކުރި އިރު، އެ ގައުމު ވަނީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި ވެސް އުފުލާލައިފަ އެވެ. އެގޮތުން އެފަހަރުގެ މުބާރާތް ވެސް އިންޑިޔާއިން ކާމިޔާބު ކުރީ ވެސް ނޭޕާލާ ދެކޮޅަށް ކުޅެއެވެ.
ފައިނަލް މެޗަށް ފަހު އިންޑިޔާގެ ކޯޗް މުހައްމަދު ޝާހިދު ޖައްބާރު ބުނީ، މުބާރާތުގެ ތަށި ދެ ވަނަ ފަހަރަށް ކާމިޔާބު ކުރުމުން އުފާވާ ކަމަށާއި އަދި ފައިނަލް މެޗުގައި ނޭޕާލާ ދެކޮޅަށް އިންޑިޔާ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ގްރޫޕް ސްތޭޖްގެ ތިން މެޗުން ވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމަށްފަހު ސެމީ ފައިނަލް ގައި އަފްގާނިސްތާން އަތުން މޮޅުވެ، މިލިބުނު ކާމިޔާބީ އަކީ ކުރިއަށް އޮތްތާގައި އިންޑިޔާގެ އަންހެނުންގެ ފުޓްބޯޅައަށް ލިބުނު އިތުރު ހިތް ވަރެއް ކަމަށް ވެސް ކޯޗް ޝާހިދު ބުންޏެވެ.
ގްރޫޕް ސްޓޭޖްގައި އިންޑިޔާ ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބު ކުރީ ބަގްލަދޭޝްއާ ވާދަކޮށް 3-0 ލަނޑުންނެވެ. ގްރޫޕްގެ ދެ ވަނަ މެޗް ލަންކާއާ ވަދަކޮށް 5-0 ލަނޑުން ކާމިޔާބު ކުރިއިރު، ގްރޫޕްގެ ފަހު މެޗް ކާމިޔާބުކުރީ ބޫޓާނާ ވަދަކޮށް 11-0 ލަނޑުންނެވެ. އަދި ސެމީ ފައިނަލް މެޗް އިންޑިޔާއިން ކާމިޔާބު ކުރީ އަފްގާނިސްތާނާ ވާދަކޮށް 11-0 ލަނޑުންނެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ވެސް ވަނީ ވަދަކޮށް، ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. ރާއްޖެއާ އެކު މިގްރޫޕްގައި ވާދަކުރާ އަނެއް ތިން ގައުމަކީ އަފްގާނިސްތާނާއި ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރާތުން ރާއްޖެ ކެޓިއިރު، ރާއްޖެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ އަފްގާނިސްތާނާ ކުޅެ 1- 1 އިން އެއްވަރުކުރި މެޗުން ލިބުނު ޕޮއިންޓެވެ. އަދި ގްރޫޕްގެ ދެ ވަނަ މެޗުން ރާއްޖެ ބަލިވީ ނޭޕާލް އަތުން 5- 0 އިން އަދި ގްރޫޕްގެ ފަހު މެޗުން ރާއްޖެ ބަލިވީ ޕާކިސްތާން އަތުން 3- 0 ލަނޑުންނެވެ.