މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއްކަމަށް އެ ބޭންކުން ބުނެއެވެ.

މިއީ އެމްއޭސީއެލްގެ ޗެއާމަން, އައިޝާ ނޫރައިން ޖަނާހު އިސްވެ ހުންނަވައި ހިންގަވަން މަސައްކަތް ކުރައްވާ ބޭންކެކެވެ.

އެމްއެމްއޭއިން ބުނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުމަކީ އެ އޮތޯރިޓީގެ މައިގަނޑު އެއް މަޤްޞަދު ކަމަށެވެ.

"މޯލްޑިފްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި, ބޭންކިން ސިޔާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭރެ މަގު ތަނަވަސްކޮށްދިނުމަށް މިއޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

މި ބޭންކަށް 2025 ވަނަ އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 'ޓިއާ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ.

އެ ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން، މިހާރު ވަނީ ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމުގެ ދާއިމީ ލައިސަންސާއި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައެވެ.