ޕާކިސްތާނުގެ ނޫސްވެރިންނަށް އަންނަ އިންޒާރުގެ ފޯން ކޯލްތައްް އާއްމުކޮށް އަންނަނީ ދަން ގަޑިތަކުގަ އެވެ. ފޯނުން ވާހަަކަދައްކާ މީހާގެ އަޑު ހަރުކަށްޓެވެ. އޭނާ ބޭނުންވަނީ ނޫހުގައި މެސެޖެއް ޝާއިއު ކުރާށެވެ.

"އަހަރެމެންގެ މެސެޖަށް އެއްވެސް ބަދަލެއް ނުގެނެސް ޝާއިއު ކުރޭ، އެެހެންނޫނީ އަހަރެމެން ކަލޭ މަރާލާނަން،" އިންޒާރުގެ ކޯލްތައް ކުރާ މީހުންގެ ދައްކާ ވާހަކަ ހުންނަނީ މިކަހަލަ ގޮތަކަށެވެ.

އެފަދަ އިންޒާރުތަކަށް ފަހު އެމީހުން ދޭ މެސެޖްތަކުގައި ހުންނަނީ ކުރިއަށް ހުރި ހަމަނުޖެހުންތަކާއި ގަތުލުތަކުގެ އިންޒާރުތަކެވެ. ގަތުލުކުރާނެ މީހުންގެ ނަން ވެސް ބައެއް ފަހަރު ހުރެއެވެ. ދެން އެހެން ނޫނީ ހުންނަނީ ކުރިން ހިންގާފައިވާ އެފަދަ ޖަރީމާތަކެއްގެ ޒިންމާ އުފުލާ ވާހަކައެވެ.

ރޭގަނޑުގެ ދަން ގަޑިތަކުގައި އަންނަ އެފަދަ ފޯން ކޯލްތަކަށް ޕާކިސްތާނުގެ ނޫސްވެރިން ޖެހެނީ ތަބާވާށެވެ. ފޯކޯލްތައް ކުރާ މީހުންގެ މެސެޖް ޝާއިއު ނުކޮށްފި ނަމަ އެމީހުން މަރާލެވެ އެވެ. މެސެޖްތައް ޝާއިއު ކުރުމުން ޕާކިސްތާނުގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެމީހުންނަށް ތިން އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް ޕާކިސްތާނުގެ ބައެއް ނޫސްވެެރިން އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށައެޅުނަސް އެފަދަ މެސެޖްތައް ޝާއިއެއް ނުކުރެއެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ބަލޫޗިސްތާނުގެ 20 ނޫސްވެރިން ގަތުލުވެފައި ވަނީ އެހެންވެއެވެ. ގައިގެ އެތަން މިތަނަށް ވަޒަން އަރާފައިވާ އެފަދަ ނޫސްވެރިންގެ ހަށިގަނޑު ގިނަ ފަހަރު ފެނިފައި ވަނީ ގޯނިގޯންޏަށްލައި އެއްލާލާފައި ވަނިކޮށެވެ.

"ތިބާއަކީ މިތާ ބްލޫޗިސްތާނުގައި މަސައްކަތް ކުރާ ނޫސްވެރިއެއް ނަމަ އޮތީ ދެގޮތެއް، އެއްގޮތަކީ ބޮލަށް ވަޒަނެއް އެރުން، ނޫނީ ޖަލު ހުކުމެއް އައުން،" ނޫސްތަކަށް ހަބަރާއި ރިޕޯޓްފޯރުކޮށްދޭ އެޖެންސީއެއް ކަމަށްވާ ނިއުސް ނެޓްވޯކް އިންޓަނޭޝަނަލް (އައިއެންއެން)ގެ ބިއުރޯ ޗީފް އާޝިގް ބަޓް ބުންޏެވެ.

ހަރުކަށި އަމަލުތަކާ ގުޅޭ މެސެޖްތައް ޝާއިއުކުރުމަށް ހަނގުރާމަވެރި ގްރޫޮޕްތަކުން މަޖުބޫރު ކުރަމުންދާއިރު، ބްލޫޗިސްތާން ޕްރޮވިންސްގައި ހަރުކަށި އަމަލުތައް މަދުކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ވެސް ދަނީ ނޫސްތަކަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ބްލޫޗިސްތާނުގެ ޕްރޮވިންޝަލް ސަރުކާރުން މިދިޔަ މަހު ވަނީ 21 ނޫސް އެޖެންސީއަަކާއި އެނޫސް އެޖެންސީތަކުގެ ވެރިންނާއި އެތައް ނޫސްވެރިންނެއްގެ މައްޗަށް ޓެރަރިޒަަމް މަނާކުރާ ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ.

ބްލޫޗިސްތާން ސަރުކާރުން އުފުލި ދައުވާގައި ބުނެފައި ވަނީ " އެނޫސްތަކުން ނުތަނަވަސްކަން ފަތުރާ" ކަަމަށެވެ.

އެމެރިކާގެ ކޮމިޓީ ޓް ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނާ ގޮތުގަިއ ޕާކިސްތާނަކީ މުޅި ދުނިޔެއިން ވެސް ނޫސްވެރިންނަށް އެންމެ ނުރައްކާ ބޮޑު އެއް ތަނެވެ. އެގޮތުން ފާއިތުވި ހަ އަހަރުގެ ތެރޭގައި އަނިޔާވެރިކަމާ އެކު 41 ނޫސްވެރިން ވަނީ މަރާލާފަ އެވެ. އޭގެ ތެރެއިން 12 ހާދިސާއެއް ޕާކިސްތާން ފުލުހުން އަންނަނީ އަދިވެސް ތަހުގީގުކުރަމުންނެވެ. -- އޭޕީ